ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންގެ ހައްގެއް: ބޮންޑޭ

މާލޭގެ ރައްޔިތުން ތިބީ "ހައްޔަރުކޮށްފައި" ކަމަށާއި އެ މީހުންނަށް ފުށިދިއްގަރުފަޅު ހައްގުވާ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ބޮންޑޭ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބީޗެއް ނެތް އިރު، ބޮއްކުރާ އަޅާނެ ތަނެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އެ ފަޅު ހިއްކައި އެތަނުގައި ދިރިއުޅެވޭނެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުން ވެސް މިދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުންނަށް އެމްޑީޕީން ވިއްކި އެޖެންޑާ 19 ގެ ސިޔާސަތެއް ކަމަށް "ނޫ އިގްތިސާދު" ޕްރޮމޯޓް ކުރަން ޖެހިފައިވާ ކަމަށެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ނަޖިހާއި ކެމިކަލްތަކުގެ ސަބަބުން މާލޭގެ ފަރުތައް ވަނީ މަރުވެފަ އެވެ. އެހެންވެ ފުށިދިއްގަރު ފަޅުގައި މަސްވެރިކަމާއި ސިނާއީ މަސައްކަތް ކުރަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ރައްޔިތުން ނުޖެހޭ ގުއި ހޮޅި ކޮޅުން ގުއި ނަގައިގެން ގޮސް އޮރި ބާނައިގެން މާރުކޭޓުގައި ވިއްކާކަށް،" މާލެ ފަޅަކީ އެންމެ ގިނަ އަދަދަކަށް ނަޖިސް އެއްވާ ތަން ކަން ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެން ވެސް ބޭނުންވޭ ސާފު މޫދެއް ވެސް. މާލެ އަތޮޅުގައި އޮތް ފުށިދިއްގަރުފަޅު މާލެ ރައްޔިތުންނަށް މަސްވެރިކަން ކުރަން އަދި ސިނާއީ މަސައްކަތް ކުރަން ދޭން ޖެހޭ."

ފުށިދިއްގަރުފަޅަކީ މާލޭގެ ރައްޔިތުންގެ ހައްގެއް ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވީ އެތަނުގައި ގެސްޓްހައުސް އެޅުމުގެ ފުރުސަތު ވެސް ލިބެން ޖެހޭނެ ކަމަށެވެ. އަދި އެ ތަނުގައި ދިރިއުޅުމުގެ ފުރުސަތު ވީހާވެސް އަވަހަކަށް ލިބުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ދިވެހިން ޒަވާޖީ ހަޔާތެއް ފަށަނީ އާއިލާއެއް ބިނާ ކުރުމަށް ކަމަށެވެ. އެކަމަކު "ނިދާ އެނދެއް ދިނީމަ" އެއްވެސް މީހަކަށް ދިރިނޫޅެވޭނެ ކަމަށް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ވިލިމާލެ ނަންގަވައި، ބޮންޑޭ ވިދާޅުވި ގޮތުގައި، އެ އަވަށަކީ ވެސް މިއަދު މީހުން ނިދާ އެނދެކެވެ.

ވިލިމާލޭގައި ދިރިއުޅޭ މީހުން "މެދަށް ލާފައި" ޓޫރިޒަމްގެ މަސައްކަތް ކުރަން އޮތް އެންމެ މުހިންމު ސަރަހައްދު އޮންނަނީ ސަރުކާރަށް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރަށެއްގައި ދިރިއުޅެވޭނީ އިގްތިސާދީ މަސައްކަތްތަކެއް ކުރެވޭނެ ތަނެއް އެ ރަށުގައި ބިނާ ކުރީމަ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން ކިހިނެއްތޯ ތަނެއް ތަރައްގީ ވަނީ؟ ރަށެއްގައި އުޅޭ ރައްޔިތުން ތަރައްގީ ވަނީ އާމްދަނީ ލިބޭނެ ވަސީލަތްތަކެއް އެ ރަށުގައި ގާއިމް ކުރެވުނީމަ، އެ ރަށަށް ލޯބި ޖެހިގެން،" ބޮންޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް އީވާ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް. --- ފޮޓޯ: މަޖިލިސް

އަލަތު ކައިވެންޏާ އެކު ލ. އަތޮޅުގެ ވަލު ތެރޭގައި ފްލެޓެއް އެޅީމަ އެތަނަށް މީހުން ދާނެތޯ ބޮންޑޭ ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފްލެޓެއް އަޅާފައި އެތަނުގައި އިގްތިސާދީ މަސައްކަތްތަކެއް ކުރެވޭނެ ބިމެއް ހިލޭ ދިނީމަ ނޫނީ އެއްވެސް ބަޔަކު އެ ރަށުގައި ވަޒަންވެރިއެއް ނުވާނެ އެވެ.

ރަށްރަށުގެ ފްލެޓުތައް ޅުވެފައި ހުރީ، އޭނާ ވިދާޅުވި ގޮތުގައި، އިގުތިސާދީ މަސައްކަތެއް ނެތީމަ އެވެ.

ފުށިދިއްގަރުފަޅު އޮންނަނީ މާލެ އަތޮޅު ގުޅީގެ އުތުރަށެވެ. މާލެ އަށް ވުރެ ހަތަރު ގުނަ ބޮޑު، އެ ފަޅުގައި ގާތްގަނޑަކަށް 1،475 ހެކްޓަރު ހުރެ އެވެ. އެ ފަޅު ހިއްކައިގެން މީހުން އާބާދު ކުރުމަކީ ކުރީގެ ސަރުކާރުން، ރިޔާސީ ކެމްޕޭން ތެރޭގައި، އާންމުންނަށް ދެއްކި ވިސްނުމެކެވެ.