ނަޒާހަތްތެރިކަން އިތުރުކުރަން ދިން ފްލެޓުތަކުގެ މައްސަލަ ބަލައިދީ: ވިސާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓު ލިބިވަޑައިގެންނެވި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމު ކުރަން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ގޮވާލައްވައިފި އެވެ.


ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ވިސާމް ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެތައް ބަޔަކަށް ފްލެޓު ދީފައި އެބަހުރި ކަމަށެވެ.

ކުރީގެ ސަރުކާރުގައި 18 ވަނަ މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށް ފްލެޓު ދިނީ ނަޒާހަތްތެރިކަން އިތުރު ކުރުމުގެ ނިޔަތުގައި ހަދިޔާއެއްގެ ގޮތުގައި ކަމަށް ވިސާމް ވިދާޅުވި އެވެ.

އޭގެތެރެއިން ވިސާމް ފާހަގަ ކުރެއްވި އެއް ނަމަކީ އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެކަމަކު ފްލެޓު ލިބިވަޑައިގަތީ މިނިވަން މުއައްސަސާތަކުގެ ކޮން ބޭފުޅުންނަށް ކަމެއް މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ވިސާމް ވިދާޅެއް ނުވެ އެވެ.

"މިއަދު މިކަމުގެ ވާހަކަ ދައްކާ އިރު، މި ބޭފުޅުންނަށް އޭރުގައި ހަދިޔާގެ ގޮތުގައި ވިޔަސް، ނޫނީ ނަޒާހަތްތެރިކަން އިތުރު ކުރަން ވިޔަސް ދޫކޮށްފައި ހުރި ފްލެޓުތަކުގެ މައްސަލަތައް އެބަ ޖެހޭ ބަލަން. އެއީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް،" ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ފްލެޓު ލިބުމަކީ ދިވެހިންގެ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމަށް ކުރި ކަމެކެވެ.

ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް ލ. އަތޮޅުގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް ދިމާވެފައި އޮތް ކަން ފާހަގަ ކުރައްވައި ވިސާމް ވިދާޅުވީ އެ އަތޮޅުގެ ރައްޔިތުން ބިން ދޫކޮށްފައި މާލެ އަންނަނީ ގޯއްޗަށް ކަރަންޓު ފަދަ ވަސީލަތްތައް ލެވޭނެ ގޮތެއް ނެތިގެން ކަމަށެވެ.

ލ. އަތޮޅުގެ ރައްޔިތުން ބޭސްފަރުވާ ހޯދަން ހޮސްޕިޓަލަށް ދިޔައީމަ، އެ ތަނުން ރަނގަޅަށް ޓެސްޓް ނުހެދޭތީ ކިތަންމެ ބަޔަކު ކޮންމެ ދުވަހަކު މާލެ އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ދިރިއުޅޭ ހާލަތަކީ. ގޯއްޗެއް ދޫކުރިޔަސް، ނަރުދަމާ އާއި ފެން ލެވޭނެ ގޮތެއް އެ ރަށްތަކުގައި ނެތް،" ލ. އަތޮޅުގެ ހާލަތު ސިފަކޮށް ދެއްވައި ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ މި ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ފްލެޓު ދޫކޮށްފައި ތިބި މީހުންނާ މެދުގައި ކޮންމެވެސް އުސޫލެއްގެ ތެރެއިން އަމަލު ކުރާނެ ގޮތެއް ގާއިމުކޮށް، ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި އެވެ.

"20 މިލިއަނުން ފްލެޓު ބައްލަވައިގެން ތަން ފެނުނީ. މިއަދު އެ ފެންނަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފައި ދީނާއި ގައުމުގެ ދިފާއުގައި ވާހަކަ ދައްކާ ތަން،" ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އަބްދުއްރަހީމް ފަދަ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ވާހަކައެއް ނުދެއްކެވޭނެ ކަމަށެވެ. އަބްދުއްރަހީމް މެން ފަދަ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގަށް އަރައިގެންފައިވާ ބޭފުޅުން ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

މީގެކުރިން ގަމުގައި ކުރިއަށް ދިޔަ ހުރިހާ ޕްރޮޖެކްޓުތަކެއް އަބްދުއްރަހީމް ހުއްޓުވި މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.