މޫސުމީ ރެފިއުޖީންނަށް ވާކަށް ދިވެހިން ބޭނުމެއް ނޫން: މިނިސްޓަރު

ތިމާވެށީގެ ރެފިއުޖީންނަށް ވާން ދިވެހިން ބޭނުން ނުވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.


މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އދ. އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ގުޅިގެން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ތިން ދުވަހަށް ކުރިއަށްދާ ވޯކްޝޮޕް އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިން އަބަދުވެސް ދިރިއުޅެން ބޭނުންވަނީ މި ގައުމުގެ ޖަޒީރާ ރަށްތަކުގައި ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މިއީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން އެކި ގައުމުތަކުން ހިންގާ މަޝްރޫއުތަކުގެ އަސަރުތައް ދެނެގަނެ، މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްޓަކައި ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. "ވޯކްޝޮޕް ޓު މެކްސިމައިޒް ދަ ޕޮޒިޓިވް އެންޑް ނެގެޓިވް އިމްޕެކްޓްސް އޮފް އިމްޕްލިމެންޓޭޝަން އޮފް ކްލައިމެޓް ޗޭންޖް ރެސްޕޯންސް މެޝާސް"ގެ ނަމުގައި ކުރިއަށްދާ މި ބައްދަލުވުމުގައި 40 ގައުމުގެ މަންދޫބުން ބައިވެރިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މެމްބަރު ގައުމުތަކުން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ދަށްކުރުމަށް ޕެރިސް އެގްރީމެންޓުގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމައިފަ އެވެ. ނަމަވެސް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކި ގައުމުތަކުން ހިންގާ މަޝްރޫއުތަކާއި އެކުލަވާލާ ސިޔާސަތުތަކުން، އެ ގައުމުތަކަށް އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތައް ކުރިމަތިވެ އެވެ. އެފަދަ މަޝްރޫއުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަޝްރޫއުތައް ހިންގަން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރާނެ ގޮތްތަކާއި، އެ ކަންތައްތަކަށް މީހުން ހޭލުންތެރިކުރުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ.