ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ވީޑިއޯ އެނަލިސިސް ރިޕޯޓް ހެދި ފުލުސް މީހާ އަށް ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް ކްރިމިނަލް ކޯޓުގައި މިއަދު އަމާޒުކޮށްފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ހަ މީހެއްގެ މައްޗަށެވެ. އެއީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ ވީޑިއޯ ފުޓޭޖްތައް އެނަލައިޒްކޮށް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ އެވެ. ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި ތަހުގީގުގައި ފުލުހުން ހޯދި މަގުމަތީގެ ބައެއް ވީޑިއޯ ފުޓޭޖްތައް އެނަލައިޒް ކުރިއިރު އެ ވީޑިއޯތަކުން ފެންނަ މީހުންނާއި ދައުވާ ލިބޭ ހައިޝަމާއި ޒިހާންގެ އިތުރުން އިސްމާއިލް ރަޝީދުގެ ބައެއް ސިފަތައް ދިމާވާ ކަމަށެވެ.
ހައިޝަމާއި ޒިހާންގެ އިތުރުން އިސްމާއިލް ރަޝީދުގެ ފޮޓޯ ތަހުގީގުގައި ނެގުމަށް ފަހު އެ ވީޑިއޯ އާއި އަޅާ ކިޔާއިރު އެ ތިން މީހުންގެ ހަށިގަނޑު ބައްޓަމާއި އެހެން ބައެއް ކަންތައްތަކަށް ބަލާއިރު، ވީޑިއޯއިން ފެންނަ މީހުންނާއި އެ ތިން މީހުންގެ ސިފަތައް ދިމާވާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އެގޮތުން ދައުވާ ލިބޭ ހައިޝަމާ ދިމާވާ ފަސް ސިފައެއް ހުރި ކަމަށް ފާހަގަ ކުރެވޭ ކަމަށާއި އަދި ޒިހާންއާ ދިމާވާ ތިން ސިފައެއް ފާހަގަވުމުގެ އިތުރުން އިސްމާއިލް ރަޝީދާ ވެސް ދިމާވާ ތިން ސިފައެއް ފާހަގަވި ކަމަށް އޭނާ ބުންޏެވެ.
ދިފާއީ ވަކީލުންގެ ގިނަ ސުވާލުތަކެއް
އެގޮތަށް އެ ފުލުސް މީހާ ބުނުމުން އެ ތިން މީހުންގެ ދިފާއީ ވަކީލުން ސުވާލުތަކެއް އަމާޒުކުރި އެވެ. އެގޮތުން ހެއްކެއް ނެގުމަށް ފަހު އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަތޯ ކަށަވަރު ކުރިންތޯ އާއި އެ ތިން މީހުންނާ ސިފަ ދިމާވާ ކަމަށް ކަނޑައަޅަނީ ކޮން ކަންކަމަށް ބެލުމަށް ފަހު ތޯ ވެސް ވަކީލުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި އެ ފުލުސް މީހާ ބުނީ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ އެއްވެސް ހެއްކެއް ތަހުލީލު ނުކުރާނެ ކަމަށާއި ވީޑިއޯ ފުޓޭޖްތައް ވެސް ބަލައިގަތީ އެކަން ފުރިހަމަތޯ ބެލުމަށް ފަހު ކަމަށެވެ. އަދި ވީޑިއޯގައި ފެންނަ މީހުންނާއި ދައުވާ ލިބޭ މީހުންގެ ސިފަތައް ދިމާވާ ކަމަށް ކަނޑައަޅަނީ ޚާއްސަ ސޮފްޓްވެއާއެއް މެދުވެރިކޮށް އެނަލައިޒް ކުރުމަށް ފަހު ކަމަށާއި އެއް ވައްތަރު ސިފަތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަން ރިޕޯޓުގައި ބަޔާން ކުރުމުގެ އިތުރުން އެއް ވައްތަރު ސިފައެއް ފާހަގަ ނުވާ ނަމަ އެކަން ވެސް ރިޕޯޓުގައި ހިމަނާނެ ކަމަށް އޭނާ ބުންޏެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ގިނަ ސުވާލުތަކެއް އެ ފުލުސް މީހާއާ އަމާޒު ކުރެއްވި އެވެ. އިސްމާއިލް ރަޝީދާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި ދައުވާ ލިބޭ ޒިހާންގެ ނަން އޮތީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ބުނީ އެކަން އެގޮތަށް ދިމާވެފައި އޮތީ އިދާރީ އޮޅުމަކުން ކަމަށެވެ.
ދައުލަތުން ހުށަހެޅި ބައެއް ލިޔުންތަކުގެ ތާރީޚުތަކާއި ދިމާވާނުވާ ކަންތައްތަކެއް ހުރުމުން އެކަމާ މެދު ވެސް މައުމޫން ސުވާލު ކުރެއްވި އެވެ. އެގޮތުން އެ ރިޕޯޓުގައި، އެ ފުލުސް މީހާއާ ވީޑިއޯ އެނަލަލިސިސް ހަދަން ހަވާލުކުރީ ޖޫން، 2017 ގައި ކަމަށް ލިޔެފައި އޮތަސް، ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގައި އެ ވީޑިއޯއާ އެ ފުލުސް މީހާ ހަވާލު ވެފައި ވަނީ އޭޕްރީލް، 2017 ގައި ކަމަށް ލިޔެފައި އޮތުމުން އެކަމާ މެދު މައުމޫން ސުވާލު އުފެއްދެވި އެވެ.
ޖަވާބުގައި އެ ފުލުސް މީހާ ބުނީ ތަހުގީގުގެ ކުރީގެ މަރުހަލާއެއްގައި އެހެން ބޭނުމެއްގައި އެ ވީޑިއޯއާ ހަވާލުވީ ކަމަށެވެ.
އެ ވީޑިއޯތައް އެނަލައިޒްކުރި ސޮފްޓްވެއާއާ ގުޅޭ މައުލޫމާތުތަކެއް ޝަރީއަތަށް ހުށަހެޅުމަށް ފަހު އެ ސޮފްޓްވެއާ ބެހޭގޮތުން ވެސް މައުމޫން ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. އެގޮތުން ވީޑިއޯ އެނަލައިޒް ކުރަން ނިންމަނީ ކީއްވެގެންތޯ އާއި އެ ސޮފްޓްވެއާ އިން ވީޑިއޯ އެނަލައިޒް ކުރުމަށް ފަހު ނަތީޖާ ނެރޭ ގޮތާ ބެހޭގޮތުން މައުމޫން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި އެ ފުލުސް މީހާ ބުނިގޮތުގައި ވީޑިއޯ އެނަލައިޒް ކުރަނީ މައްސަލަ ތަހުގީގުކުރާ ފުލުސް މީހާ އެގޮތަށް އެދުމުން އޭނާ އެދޭ ކަންކަމަށް ބިނާކޮށްގެން ކަމަށެވެ. އަދި އެނަލައިޒް ކުރުމަށް ފަހު، ތުހުމަތު ކުރެވޭ މީހާއާ ދިމާވާ ސިފަތަކެއް ހުރިކަން ދެނެގަންނަނީ ސޮފްޓްވެއާ އިން އެކަމާ ގުޅޭ ރިޕޯޓު ފުލުހުން ހަދަނީ އެ ނަތީޖާއަށް ބަލައިގެން ކަމަށް އޭނާ ބުންޏެވެ.
ސޮފްޓްވެއާ އުފެއްދި ކުންފުނީގެ ލިޔުންތަކަށް ހަވާލާ ދެއްވައި، މައުމޫން ވަނީ އެ ސޮފްޓްވެއާ އިން ވީޑިއޯ އެނަލައިޒް ކުރުމަށް ފަހު ނަތީޖާތަކެއް އެއިން އަމިއްލަ އަށް ނެރޭނެ ކަމަށާއި އެ ނަތީޖާގެ ރިޕޯޓް ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. އެއިން ނެރޭ ރިޕޯޓަކީ ޝަރީއަތުގައި ވެސް ބޭނުން ކުރެވޭނެ ފެންވަރުގެ ރިޕޯޓެއް ކަމަށް އެ ކުންފުނީގެ ލިޔުންތަކުން އެނގެން އޮތްއިރު އެ ރިޕޯޓް ޝަރީއަތަށް ހުށަހަޅަން ނުފޮނުވީ ކީއްވެގެންތޯ ވެސް މައުމޫން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި އެ ފުލުސް މީހާ ބުނީ ސޮފްޓްވެއާ އިން ނެރުނު އަސްލު ނަތީޖާގެ ރިޕޯޓެއް އޮންނާނެ ކަމަށާއި ކޯޓަށް ހުށަހެޅި ވީޑިއޯ އެނަލިސިސް ރިޕޯޓަކީ އަސްލު ނަތީޖާގެ ރިޕޯޓަށް ބެލުމަށް ފަހު އޭނާ އަމިއްލަ އަށް ތައްޔާރުކުރި ރިޕޯޓެއް ކަމަށެވެ. އަދި ސޮފްޓްވެއާ އިން ނެރުނު އަސްލު ނަތީޖާގެ ރިޕޯޓް ޝަރީއަތަށް ހުށަނާޅަނީ އެފަދަ އުސޫލެއް ފުލުހުންގެ ތެރޭގައި ނޯންނާތީ ކަމަށް ވެސް އޭނާ ބުންޏެވެ.
ދައުވާލިބޭ އިސްމާއިލް ރަޝީދާއި ވީޑިއޯ އިން ފެންނަ މީހަކާ ދިމާވާ ދެ ސިފައެއް ހުރި ކަމަށް ކޯޓަށް ހުށަހެޅި ރިޕޯޓުގައި އޮތްއިރު، އެކަން ކަނޑައަޅަނީ ކިހިނެތްތޯ މައުމޫން ސުވާލު ކުރުމުން އެ ފުލުސް މީހާ ބުނީ އެކަން ނިންމަނީ އެއްގޮތް ސިފަތަކެއް ހުރި ކަން ފާހަގަވުމުން ކަމަށެވެ. އަދި އެއްގޮތް ނޫން ސިފަތަކެއް ހުރި ނަމަ އެކަން ވެސް ރިޕޯޓުގައި ފާހަގަ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ވީޑިއޯ އެނަލައިޒް ކުރި ސޮފްޓްވެއާ އަކީ ތުހުމަތު ކުރެވޭ މީހާގެ އިސްކޮޅާއި ވީޑިއޯ އިން ފެންނަ މީހާގެ އިސްކޮށް ދެނެގަނެވޭ ފަދަ ސޮފްޓްވެއާ އަކަށް ވާއިރު، އިސްމާއިލް ރަޝީދުގެ އިސްކޮޅާއި ވީޑިއޯ އިން ފެންނަ މީހާގެ އިސްކޮޅާ ދިމާވޭތޯ ބެލިންތޯ ސުވާލު ކުރުމުން ފުލުސް މީހާ ބުނީ އެކަން ބަލާފައި ނޯންނާނެ ކަމަށެވެ.
އެކަން ނުބެލީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ އިސްމާއިލް ރަޝީދާއި ވީޑިއޯއިން ފެންނަ މީހާ ދިމާވާ އެހެން ސިފަތަކެއް ފާހަގަވުމުން އިސްކޮޅު ދިމާވޭތޯ އިތުރަށް ނުބެލީ ކަމަށެވެ.
މީގެ އިތުރުން ވީޑިއޯ އެނަލައިޒް ކުރުމުގައި އެ ފުލުސް މީހާގެ ތަޖްރިބާއާ ބެހޭގޮތުން ގިނަ ކަންތައްތަކެއް ސާފުކުރަން މައުމޫން ސުވާލު ކުރެއްވި އެވެ. އަދި އެ ސޮފްޓްވެއާއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް މައުމޫން އަމާޒު ކުރަން ފެށްޓެވުމުން ދައުލަތުން ވަނީ އެއީ ފުލުސް މީހާ ހާޒިރުކުރި ބޭނުމަށް ވުރެ ބޭރުން ކުރެވޭ ސުވާލުތަކެއް ކަމަށް ބުނެ، އެކަން ޝަރީއަތުގައި ފާހަގަކޮށްފަ އެވެ.
ޖަވާބުގައި މައުމޫން ވިދާޅުވީ އެ ސުވާލުތައް ކުރަން ޖެހެނީ ހުރިހާ ލިޔުންތައް ފޮރުވައިގެން ދައުލަތުން މަސައްކަތް ކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ ލަސްވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ދައުލަތުން ހާމަ ކުރަން ޖެހޭ ލިޔުންތައް ހާމަ ނުކުރާތީ ކަމަށް މައުމޫން ވިދާޅުވި އެވެ
ރައްދުގައި ދައުލަތުން ބުނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އުސޫލުން ހާމަ ކުރެވޭނެ ހުރިހާ ލިޔުންތައް ދޫކޮށްފައިވާނެ ކަމަށެވެ.
ވީޑިއޯތައް އެނަލައިޒް ކުރުމަށް ފަހު ހަދާފައިވާ ހަ ރިޕޯޓަކާ ގުޅޭގޮތުން އެ ފުލުސް މީހާގެ ހެކިބަސް ހަމަޖައްސާފައި އޮތެވެ. އެކަމަކު މިއަދުގެ އަޑުއެހުން ދިގު ދެމިގެން ދިއުމުން ކޯޓުން ނިންމީ ބާކީ އޮތް ތިން ރިޕޯޓާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމެއްގައި އެ ފުލުސް މީހާގެ ހެކިބަސް ނެގުމަށެވެ.
އެ ފުލުސް މީހާގެ އިތުރުން އެ މައްސަލާގެ ތަހުގީގުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސައިކަލެއްގެ ފޮޓޯ ނަގައި، އޭރި ރިޕޯޓް ހެދި ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. އެ ފުލުސް މީހާ ބުނިގޮތުގައި ތަހުގީގުކުރި ފުލުހުންގެ އެދުމަކަށް ރަތް ކުލައިގެ ސައިކަލެއްގެ ފޮޓޯ ނަގާފައިވާނެ ކަމަށެވެ. އެ ސައިކަލުގައި ފާހަގަ ކުރެވުނު ހަމައެކަނި ކަމަކީ ކުދި ކޫރުންތަކެއް ސައިކަލުގައި ހުރުން ކަމަށާއި އެކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ.
ހެކިން ހާޒިރު ކުރުމުގައި ދަތިތަކެއް، މައްސަލަ ނިންމުން ލަސްވެދާނެ
ދައުލަތުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ކުރުމުގައި ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ދިފާއީ ވަކީލުން ކުރެއްވި އެވެ. މިއަދު ވެސް ފަސް ހެކިވެރިއަކު ހާޒިރު ކުރާނެ ކަމަށް ބުނުމަށް ފަހު އެ އަދަދަށް ދައުލަތަށް ހާޒިރު ނުކުރެވުނު ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. އަދި އެ މައްސަލަ އަވަހަށް ނިންމަން ވަކީލުން ވެސް ބޭނުންވާ ކަމަށާއި އެހެންވެ، ހެކިން ހާޒިރު ނުކުރެވޭ މައްސަލާގައި ޝަރީއަތުން ފިޔަވަޅެއް އަޅައި ދިނުމަށް ބައެއް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގައި ކުރިން ކޯޓުން ނިންމާފައި އޮތީ ކޮންމެ ހަފުތާއަކު ހެކިބަސް ނެގުމަށް އަޑުއެހުމެއް ބާއްވައި، އަންނަ އޮކްޓޫބަރު މަހު އެ މައްސަލާގެ ހުކުމް އަންނަ އޮކްޓޫބަރު މަހު އިއްވުމަށެވެ.
އެކަމަކު ހެކިވެރިން ހާޒިރު ކުރުމުގައި ލަސްތަކެއް ދިމާވަމުން އަންނާތީ އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ކުރިން ކަނޑައަޅާފައިވާ ތާރީޚަށް އެ މައްސަލަ ނިންމެވޭނެ ކަމަށް މިހާރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އޭގެ ފަހުގެ ތާރީޚުތަކެއްގައި ވެސް އަޑުއެހުންތައް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ތިން ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.