ޑީޑީ ވަކިކުރުމަކީ ޖުޑިޝަރީ އިސްލާހުކުރަން އަޅާ ބިންގަލެއް: ހިސާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރުމަކީ ޝަރުއީ ނިޒާމު އިސްލާހު ކުރަން އަޅާ ބިންގަލެއް ކަމަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.


ފަނޑިޔާރު ކަމުން ޑީޑީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ރައްޔިތުން އަޑު އުފުލަމުން އަންނަތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. އަދި ފަނޑިޔާރު ޑީޑީއާ ގުޅޭ ގޮތުން ތުހުމަތު ކުރެވުނު މައްސަލަތަކަކީ ރައްޔިތުން ވަރަށް ގާތުން ބަލަމުން ދިޔަ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ގައިގައި އަތްނުލެވޭނެ ކަމަށް ރައްޔިތުންނަށް ކުރިން އޮތީ ގަބޫލު ކުރެވިފަ އެވެ. އަދި ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދެވީ ވެސް އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ ކަމަށް ގަބޫލު ކުރައްވައިގެން ކަމަށް ހިސާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ. --- ފޮޓޯ: މަޖިލިސް

"ތިމަންނަމެންނަކީ ތިމަންނަމެން (ފަނޑިޔާރުން) ކުރާ ކަންތައްތަކަށް އެއްވެސް ދުވަހަކު ޖަވާބުދާރީ ވާން ޖެހޭނެ ބައެއް ނޫން ކަމަށް ގަބޫލު ކުރެވޭ ހާލަތުގައި އެމީހުން މިގޮތަށް އަމަލު ކުރީ. (އެހެންވެ) ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރަން އެޅޭނެ މުހިންމު ފިޔަވަޅެއް މިއަދު މިއީ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ވަކިކުރުމަކީ "އާދައިގެ ކުޑަ ކަމެއް" ނޫނެވެ.

ފަނޑިޔާރުންނާ މެދުގައި އުފުލޭ ސުލޫކީ މައްސަލަތަކުގެ ޝަކުވާތައް ބެލޭނެ މުއައްސަސާއެއް އޮތް ރައްޔިތުންނަށް ގަބޫލު ކުރެވުމަކީ ޖުޑިޝަރީއާ މެދުގައި އިތުބާރު ހޯދަން އަޅަން ޖެހޭ މުހިންމު އެއް ފިޔަވަޅުގެ ގޮތުގައި ހިސާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ސިޔާސީ ނުފޫޒުގެ ފަރުދާގައި ފޮރުވިގެން ތިބެ ކަންކަން ނުކުރެވޭނެ ކަން ފަނޑިޔާރުން ގަބޫލު ކުރައްވަން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލާ ކޮންމެ ފަހަރެއްގަ އާއި ފިޔަވަޅެއް އަޅާ ކޮންމެ ފަހަރަކު، އެ ފަނޑިޔާރަކު ކޮންމެވެސް ސިޔާސީ ބޭފުޅެއް ކައިރިއަށް ގޮސް ވާހަކަ ދައްކަވައި ލޮބީކޮށް، ފިޔަވަޅު ބަދަލު ކުރުމަކީ ކުރިން އަމަލު ކުރާ ގޮތެވެ. ސިޔާސީ ބޭފުޅުން މިގޮތަށް އަމަލު ކުރުން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނުފޫޒު އެއީ ހުދޫދެއް ނެތް ގޮތަށް، ފަނޑިޔާރުންގެ މައްޗަށާއި ކޯޓުތަކުގެ މައްޗަށާއި ރައްޔިތުންގެ މައްޗަށް ފޯރުވޭނެ އެއްޗެއް ނޫން ކަން ރައްޔިތުންނަށް ގަބޫލު ކުރެވޭ ނަމަ، ސުޕްރީމް ކޯޓާ މެދުގައި ރައްޔިތުންގެ އިތުބާރު އުފެދޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ މެމްބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެމްބަރު ހިސާން ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ ތެރެއިން "މިފަދަ މުޑުދާރު" އަމަލުތައް ހިންގަވާ ފަނޑިޔާރުން ވަކިކޮށް، އިސްލާހީ ފިޔަވަޅުތައް އަޅާ ފަނޑިޔާރުންނަށް ތަމްރީން ދިނުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް މިއަދު މި އެޅެނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ބިންގާ. އަޅުގަނޑުމެން މި މަސައްކަތް ކާމިޔާބުވެ، ރައްޔިތުން އެދޭ ތާހިރު، ޝަރުއީ ނިޒާމެއް އަޅުގަނޑުމެންނަށް މި ގައުމުގައި ބިނާ ކުރާނަން،" ހިސާން ވިދާޅުވި އެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑީޑީ ވަކިކުރުމާ މެދު މިއަދު މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.