ރިލްވާންގެ ރިޕޯޓު އާންމުކުރުމުން ލިބުނު ފައިދާ ގިނަ، ނަތީޖާ ރަނގަޅު: ސުއޫދު

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ޑްރާފްޓް ރިޕޯޓުގައި ހުރި މައުލޫމާތުތައް އާންމު ކުރުމުން ލިބުނީ ގެއްލުމަށް ވުރެ ފައިދާ ކަމަށް އެ ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އިއްޔެ ވިދާޅުވެއްޖެ އެވެ.


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގެ "އަޕްޑޭޓެއް" އެ ކޮމިޝަނުން ވަނީ އެމަނިކުފާނަށް އަރުވައިފަ އެވެ. އެއީ ރާއްޖޭގެ މުއައްސަސާއަކުން މިހާތަނަށް ނެރެފައި ނުވާ ފަދަ ތަފްސީލް އަދި ބިރުވެރި ކަންކަން ހިމެނޭ ރިޕޯޓެކެވެ. އެ ރިޕޯޓުގެ ހުލާސާއެއް ރައްޔިތުންގެ މަޖިލިހަށް ވަނީ ހުށަހަޅައިފަ އެވެ.

ރިލްވާނާ ގުޅޭ ތަފްސީލް ޑްރާފްޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނަށް އެރުވުމުން ބޮޑެތި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ސުއޫދު "މިހާރު" އަށް ވިދާޅުވީ ރިޕޯޓު އާންމު ކުރުމުގެ ސަބަބުން ލިބުނު ފައިދާތައް ގިނަ ކަމަށެވެ. މައުލޫމާތު އާންމު ކުރުމުގެ ސަބަބުން ގިނަ މީހުން އެ ކޮމިޝަނަށް ބަޔާން ދޭން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު އާންމު ކުރުމުގެ ސަބަބުން ގިނަ މީހުންތަކެއް އަތުވެއްޖެ މައުލޫމާތު ދޭން. އިތުރު ކަންކަން އެނގިގެން އެ ވާހަކަތައް ކިޔައި ދޭން އެބަ އާދޭ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ރިޕޯޓުގައި ރައްދުވާ މީހާ ނުވަތަ ތުހުމަތު ކުރާ މީހަކީ ކޮބައިކަން އެނގުމުން، އެ މީހުންނާ ގުޅޭ ގޮތުން އާންމުންނަށް ލިބިފައި ހުރި މައުލޫމާތު ކޮމިޝަނާ ހަމައަށް ގެނެސް ދިނުމަށް އާންމުންނަށް ހިތްވަރު ލިބިފައިވާ ކަމަށެވެ. އަދި އާންމުން އިތުރު މައުލޫމާތު ދިނުމުގެ ސަބަބުން މި މައްސަލައިގައި އިތުރު ހެކިތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ލޯ ވަރަށް ބޮޑަށް ހުޅުވިއްޖެ. އިތުރު ދިމަދިމާ އަށް ދިއުމަށާއި އިތުރު ލީޑްތަކެއް ލިބިއްޖެ. ލިބުނު ފައިދާ މާ ބޮޑު ކަމަށް އަޅުގަނޑަށް ވިސްނެނީ،" ސުއޫދު ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުއޫދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ބުނެވޭ ކަމަށެވެ. އެއީ އެކަމަކު، މަރެއް ސާބިތު ކުރަން ބޭނުންވާ ވަރެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް އައިއިރު، ހައި ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.