ނަޝީދަށް ފުލުހުން ފާރަލާ ވާހަކައެއް ނުބުނަން: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ވާހަކައެއް ބުނެފައި ނުވާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.


ދަރުބާރުގޭގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ފުލުހުން ފާރަލަމުންދާ ކަން އެމްއެންޑީއެފުން މީގެ ތިން ރޭ ކުރިން އަންގާފައިވާ ކަމަށެވެ. ނަމަވެސް ފާރަލަމުން ދަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސީދާ އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނީ ސެކިއުރިޓީ ބަލަހައްޓުން ގާނޫނުން ލާޒިމްކޮށްފައިވާ ބޭފުޅުންނާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި ފުލުހުންނާއި އެމްއެންޑީއެެފުން ގުޅިގެން މަސައްކަތްކުރާ ކަމަށެވެ. އެގޮތަށް މަސައްކަތްކުރަނީ އެ އިރެއްގައި އެ ބޭފުޅަކަަށް އޮތް ނުރައްކާ ވަޒަންކުރުމަށް ކަމަށް ބުންޏެވެ.

"މި ވަގުތު ރައްޔިތުންގެ މަޖިލީހުން ވިއަސް އަދި މިނޫން ފަރާތަކުން ވިއަސް އަދި މިތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވެ އެވެ،" ބަޔާނުގައި ބުންޏެވެ.

ނަމަވެސް އޯޕަން ސޯސްތަކުން ވެސް އެފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތްކަމަށް ވާހަކަދެކެވޭ ނަމަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.