ނަޝީދު އިސްވެ މަސައްކަތް ކުރަނީ ސަލާމަތީ ބާރުތަކުގެ އަގުވައްޓާލަން: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ، އެމްޑީޕީން ކުރަމުންދަނީ ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމުގެ މަސައްކަތް ކަމަށް ޕީއެންސީގެ ރައީސް، އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުނޑާލުން ކަމަށެވެ. އެމްޑީޕީން އެ މަސައްކަތް ކުރަމުން ދަނީ ގަސްތުގައި ރާވައިގެން ކަމަށާއި ބޭނުމަކީ އެމްޑީޕީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާ ކާމިޔާބު ކުރުމަށް މަގުފަހިކުރުން ކަމަށް ވިދާޅުވި އެވެ.

"ދިވެހި ސިފައިންނާއި ފުލުހުންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވުން ލާޒިމް ހިދުމަތްތަކެއް ކޮށްދެމުންދާ ބައެއް. ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާންވުމަށް ތައްޔާރަށް ތިބޭ ބައެއް. މި ކަމަށް ދިވެހި ތާރީހު ހެކިދޭ،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަދުރޭގެ ޓްވީޓުގައިވެ އެވެ.

ސަލާމަތީ ބާރުތަކަށް އިދިކޮޅު ކޯލިޝަންގެ އެންމެ އިސް އެއް ލީޑަރު ތައުރީފްކުރެއްވިއިރު، ނަޝީދު ވަނީ އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާ ކަމަށް ސިފައިން ބުނެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސިފައިންނާއި ފުލުހުން ވެސް އެ ވާހަކަ ވަނީ ދޮގުކޮށްފަ އެވެ.

އެކަމާ ގުޅިގެން ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދަށް ފުލުހުން ފާރަލާކަމަށް ބުނެފައިނުވާނެ ކަމަށެވެ. ނަމަވެސް ސެކިއުރިޓީ ބަލަހައްޓުން ގާނޫނުން ލާޒިމްކޮށްފައިވާ ބޭފުޅުންނާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި ފުލުހުންނާއި އެމްއެންޑީއެެފުން ގުޅިގެން މަސައްކަތްކުރާ ކަމަށާއި އެގޮތަށް ކުރަނީ އެ އިރެއްގައި އެ ބޭފުޅަކަށް އޮތް ނުރައްކާ ވަޒަންކުރުމަށް ކަމަށް ބުންޏެވެ.