ސިފައިންނާއި ފުލުހުންގެ ކިބައިން އެމްޑީޕީން މާފަށް އެދެން ޖެހޭ: ޑރ. ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި، ޒަމާނީ ފެންވަރުގެ އާ ޕޮލިސް ސްޓޭޝަން މިއަދު ހުޅުވުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ޔާމީނަށް ތައުރީފު ކުރައްވައި، އެކަމަކު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.


ހުޅުމާލޭގެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވި ޚަބަރާ އެކު ކުރެއްވި ޓުވީޓެއްގައި، ޖަމީލް ވިދާޅުވީ ފުލުހުންގެ ތަރައްގީ އަށް ޔާމީން ކުރެއްވި ޚިދުމަތް އެ އިމާރާތުން ވެސްް ފެންނަ ކަމަށެވެެ. ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީއަކީ ބިނާކުރަނިވި ފިކުރު ކަމަށާއި ފުލުހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފެބްރުއަރީ، 8، 2012 ގައި ކަމަށެވެ.

އެއީ އެމްޑީޕީގެ ސަރުކާރުން ވެރިކަން ކުރިއިރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު، އެ ޕާޓީގެ ބައެއް މީހުން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ބައެއް މަރުކަޒުތަކާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ، ރޯކުރި ދުވަހެވެ.

ޖަމީލްގެ ޓްވީޓް

ފެބްރުއަރީ 8 ގެ ހަމަނުޖެހުންތަކުގައި، އައްޑޫގައި އޭރު ހުރި ޓްރެއިނިން ސްކޫލްގައި ވެސް ރޯކޮށް ވަނީ އަންދާލައިފަ އެވެ.

އެ ދުވަހުގެ ހަމަނުޖެހުމުގެ ބައެއް ފޮޓޯތައް ވެސް ޖަމީލްގެ ޓުވީޓުގައި ހިމެނުއްވި އެވެ.

ޖަމީލްގެ ޓްވީޓް

"އެމްޑީޕީގެ ލީޑަޝިޕުން ސަލާމަތީ ބާރުތަަކަށް ޖެއްސުންކޮށް އަނިޔާ ކުރުމަށް ގޮވައި ހިންގާފައިވާ ކަންކަމަށް ފުލުހުންނާއި ސިފައިންގެ ކިބައިން މާފަަށް އެދެން ޖެހޭ. މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ވެސް ފުލުހުންގެ ހިދުމަތުގެ މުހިއްމުކަން އަންގައިދޭން ޖެހޭ،" ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި، ފުލުހުންގެ އާ މަރުކަޒު.

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަމުން ދުރުކުރުމުން ޖަމީލް އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އެމްޑީޕީއާ އެކު ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު އެކަމަކު، ޔާމީނަށް ވެރިކަން ގެއްލި، އެމްޑީޕީ ހިމެނޭ ކޯލިޝަނަށް 2018 ގައި ވެރިކަން ލިބި، ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކާ އެކު، ޖަމީލް އަނެއްކާ ވެސް ހުންނެވީ ޔާމީނާ އެކު އެވެ. އެ މަނިކުފާނަކީ މިހާރު ޔާމީންގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރެވެ.

ހުޅުމާލޭގެ ފުލުހުންގެ އާ މަރުކަޒު މި ހުޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ބަޔަކަށް ބަދަލުކުރިތާ 16 އަހަރު ފުރުމުގެ ދުވަހާ ވެސް ގުޅުވައިގެންނެވެ. ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުކުރީ ސެޕްޓެމްބަރު 1، 2004 ގަ އެވެ.