މި މަހުގެ 23 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވެއްޖެ ނަމަ ދިވެހި ސިފައިންގެ އަދަދު މަދުކޮށް، އެމެރިކާ ބޭނުންވާ ގޮތަށް އެމްއެންޑީއެފް ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާކަން ހާމަކޮށްދޭ ސިއްރު ލިޔުންތަކެއް އާއްމުވެފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެމެރިކާއިން މިއަދު ބުނެފި އެވެ.
ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ދޮގު ޚަބަރެއް ފަތުރަމުންދާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން، ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން، އެމެރިކާގެ ޚާރިޖީ ވުޒާރާ އަށް ފޮނުވާފައިވާ ސިއްރު ލިޔުންތަކެއް ކަމަށް ބުނެ ފަތުރަނީ އެ އެމްބަސީއާ އެއްވެސް ގުޅުމެއް ނެތް ލިޔުމެއް ކަމަށް ވެސް އެމްބަސީން ބުންޏެވެ.
"މިނިވަން އަދި އިންސާފުވެރި އިންތިހާބަކީ ރާއްޖޭގެ މުސްތަގުބަލަށް އޮތް އެންމެ މުހިންމު ކަންތައް،" ބަޔާނުގައި އެމްބަސީން ބުންޏެވެ.
ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ވެރިކަން ފުރޮޅާލެއްވިއްޖެ ނަމަ، ދިވެހި އަސްކަރިއްޔާ ކުޑަކުރަން އުޅޭ ކަމަށް ބުނެ އެމެރިކާގެ އެމްބަސީން، އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލައިސް ވެލްސް އަށް ފޮނުވާފައިވާ ސިއްރު ލިޔުންތަކެއް ހާމަވެފައިވާ ކަމަށް ބުނެ ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ސަރުކާރަށް ތާއީދުކުރާ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ ލިޔުންތަކެއް އާއްމުކޮށްފަ އެވެ.