މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވުމާ ގުޅިގެން ދެން އޮތީ ގައުމު އެކުވެރިކޮށް ބިނާ ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރުމާ ގުޅިގެން، އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ވޯޓުން ނިންމި ނިންމުން ދެމެހެއްޓުމުގައި ސަލާމަތީ ބާރުތަކާއި އީސީން ގާނޫނީ ވާޖިބު އަދާކުރުމަށް ދެއްކި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ދެން އޮތީ ގައުމު އެކުވެރިކޮށް، ބިނާ ކުރުން. މިއީ އެންމެންގެ ވެސް ގައުމު،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އެހެން ވިދާޅުވި އިރު، ފުލުހުންނާއި ސިފައިން މިއަދު ވަނީ އިންތިޚާބީ ރައީސް، އިބޫ އާއި ނައިބު ރައީސް، މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާ ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ބަޔާނެއް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ދީފަ އެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރާ ސަޕޯޓަރުންގެ އެހީއާއެކުގަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީއަކީ ޕޯޗުގީޒުންގެ އަތުން ދިވެހިން ހޯދި ފަދަ އުފާވެރި ކާމިޔާބީއެއް ކަމަށެވެ. އިބޫ އާއި ފައިސަލަށް މަރުހަބާ ދަންނަވައި ޖަމީލް ވިދާޅުވީ މި ކާމިޔާބީއަކީ ރައްޔިތުން ހޯދި ނަސްރެއް ކަމަށެވެ.
ދިވެހި ގައުމުގެ ސިޔާދަތު ސަލާމަތްވުމުން މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.