އިބޫގެ ދަތުރަށް ފުލުހުންނާއި ސިފައިން ހިމާޔަތް ދޭން ގޮވާލައިފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭންގެ ފުރަތަމަ ދަތުރުގައި އައްޑު އާއި ފުވައްމުލަކަށް ވަޑައިގަންނަވާތީ ފުލުހުންނާއި ސިފައިން އޭނާ އަށް ހިމާޔަތާއި ރައްކާތެރިކަން ދޭން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.


ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމާ އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، އޭނާ އަށް ހަމަލަ ދޭން ހުޅުމާލޭގައި ގްރޫޕަކުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ. އޭގެ ފަހުން، އެމްޑީޕީގެ އިސް ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ވެސް ޖެހި އެވެ. އެ މައްސަލައިގައި ފުލުހުން ހަމައެކަނި ބުނީ، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިބޫ މިއަދު ހުޅުމާލޭގައި. ދެ ފަހަރެއްގެ މަތިން އޭނާ އަށް ހަމަލަ ދިނުމަށް މަސައްކަތް ކުރި. ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވޭ. - ފޮޓޯ: އެމްޑީޕީ

އިބޫ އަށް ހަމަލަ ދޭން ދެތިން މީހަކު މަސައްކަތް ކުރިއިރު، އެމީހުން ދުރުކުރީ އިބޫ ވަށާލައިގެން ތިބި ސެކިއުރިޓީންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ. މި ހަމަލާ ދޭން އުޅުނު ކަމަށް ބުނާ މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވިޔަސް އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫގެ ތަރުޖަމާނު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ޖާގަ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިބޫ އަށް ހަމަލަ ދޭން އުޅުނު މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަހެޅި ނަމަވެސް، މިހާތަނަށް އައިއިރު، ފުލުހުން ޖަވާބެއް ނުދެ އެވެ. އެކަމަކު އައްޑު އާއި ފުވައްމުލަކަށް އިބޫ ކުރައްވާ ދަތުރުގައި އޭނާ އާއި ކެމްޕެއިން ޓީމަށް އަމާން މާހައުލެއް ގާއިމުކޮށް ދޭން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން ބުނޭ ރަސްމީކޮށް ކެމްޕެއިން ނުފެށޭތީ އެކަން ކަމުގައި ނޫޅެނީ. އެހެން ނަމަވެސް، ފުލުހުންގެ ވާޖިބެއް އެއީ އަމާން މާހައުލަކާއި ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން. އެކަން ކޮށްދެއްވާނެ ކަމަށް އުންމީދުކުރަން،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެތިން މީހަކު ވެގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ކުރަން އުޅުނަސް ފުލުހުން ދުވެފައި ގޮސް، އެކަން ހުއްޓުވަން މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު އިބޫ އަށް ހަމަލަ ދޭން އުޅުމުން އެކަން ހުއްޓުވަން ފުލުހުން ނޫޅުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ފުލުހުންނަށް ފިޔަވަޅު އަޅަން ގާނޫނު މަޖުބޫރު ކުރޭ. އެބޭފުޅުންނަކީ ގާނޫނު ނަގަހައްޓައި، ގާނޫނު ހިންގުމާއި ތަންފީޒު ކުރަން ތިބޭ ބައެއް. އަމަންއަމާންކަން ގެއްލިގެން ގޮސް، ރައްޔިތުންގެ ގަޔަށް ބޮލަށް އަރައި ހިސާބަށް ދިޔައިމަ، އަމާންކަން ގާއިމުކޮށް ދިނުމަށް މަސައްކަތް ކޮށްދޭން ޖެހޭނެ،" މާރިޔާ ވިދާޅުވި އެވެ.