13 ސެޕްޓެމްބަރ 2019 - 23:29
ދާއިރާގެ ރައްޔިތުން އެދުނު މިންވަރަށް މަަސައްކަތް އަދި ކުރެއްވިފައި ނުވާ ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލު ކުރައްވާ، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަހުމަދިއްޔާ ސްކޫލްގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ފުރަތަމަ ވިދާޅުވެ ދެއްވީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެވެ. އެގޮތުން ސަރުކާރުން އަލަށް އަޅަން އުޅޭ ފްލެޓްތަކާ ބެހޭ ގޮތުން އެމަނިކުފާނު ހޯއްދަވާފައިވާ މައުލޫމާތު ވިދާޅުވެ ދެއްވި އެވެ.
ނަޝީދު ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ފްލެޓްތަކުގެ އިތުރުން 3000 ފްލެޓް އަޅަން ސަރުކާރުން އެކި ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"ތިންހާހެއްހާ ފްލެޓްގެ މަސަައްކަތް، [ތިންހާހެއްހާ ފްލެޓް އެޅުމާ ބެހޭ ގޮތުން] ސަރުކާރުން އެބަ ގެންދޭ އެކި އެކި ފަރާތްތަކާ ވާހަކަ ދައްކަމުން. އަދި 1800 މެދު އަގުގެ ފްލެޓް ވެސް އެބަ ސަރުކާރުން އަޅަމުން ގެންދޭ. އަދި 4000 އަގުބޮޑު ފްލެޓް ވެސް. އަދި އޭގެ އިތުރުން ފުލުހުންނާއި ސިފައިންނާ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ހަދަމުން ގެންދާ 2000 ފްލެޓް އެ ބަދޭ. އެހެންވީމާ ބަލާ ބެލުމަށް އެކަށީގެންވާ އަދަދެއްގެ ބޯހިޔާވަހިކަން އާއްމުންނަށް ހުޅުވިގެންދާނެ ކުރިއަށް މިއޮތް އަހަރެއްްހާ ދުހު ތެރޭގައި،" އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ނަމަވެސް ބޯހިޔާ ވަހިކަމުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަމާއި މިއަށް ވުރެ އަވަހަށް އެ މަސައްކަތްތައް ހިނގަން ރައްޔިތުން އެދޭކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. މާލޭގެ މަގުތައް ހަލާކުވެފައި އޮތުމާއި ބިދޭސީން ގިނަވުން އަދި ވަޒީފާ މަދުވުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޝަރުއީ ނިޒާމު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓަށް ގެނައި ބަދަލާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ގެނައި ބަދަލުގެ ވާހަކަ އެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ފަހު ރިޔާސީ ކޮމިޝަނުން އެކުލައިލި ރިޕޯޓަށް ބަހުސް ކުރުމާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން މިހާރު ފަށާފައިވާ މަސަައްކަތުގެ ވާހަކަ ވެސް ވިދާޅުވި އެވެ.
މަސައްކަތްތަކުގެ ވާހަކަ އަށް ފަހު ނަޝީދު ވިދާޅުވީ ދާއިރާގެ ރައްޔިތުންނާ ބައްދަލުވޭތޯ އާއި ދާއިރާގެ ރައްޔިތުންގެ ކަންކަމާ ވީ މިންވަރަކުން އުޅުއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު މިދެންނެވިހެން މި މަޖިލީހުގައި އަޅުގަނޑުމެންނަށް ވީ މިންވަރަކަށް މަސައްކަތް ކުރިން. އަދި އަޅުގަނޑަށް ވީ މިންވަރަކަށް ތިޔަ ބޭފުޅުންނާ ބައްދަލުވޭތޯ ވެސް ބެލިން. އަދި އަޅުގަނޑަށް ވީ މިންވަރަކަށް ތިޔަ ބޭފުޅުންގެ ކަންކަމާ ވެސް އަޅައިލެވޭތޯ ވެސް ބެލިން. އެހެން ނަމަވެސް އަޅުގަނޑު އެންމެ ފުރަތަމައިން ވެސް އެއްބަސްވާނީ ތިޔަބޭފުޅުން އެދިވަޑައިގެންނެވި މިންވަރަށް އެކަންކަން އަޅުގަނޑަށް ކުރެވިފައި ނެތް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނު ދުވަހު ބޭއްވެވި ނޫސްކޮންފަރެންސްގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި ކުރެވުނު މަސައްކަތަށް ދެއްވާނީ "ބީ ރިޕޯޓެއް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑީ
14 September 2019
އެހެންވީމަ ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތީން އަވަހަށް އިސްތިއުފާ ދެއްވާ.
މަންޑޭލާ
14 September 2019
ރައިސް ޔާމިން ހަދަމުންދާ ފުލެޓްތަ ހުރީ މުޅިންވެސް އަދި މިސަރުކާރުން ކަމެއްނުފަށާ.
އަމީތާބު
14 September 2019
ހެޑްލައިނުން ޖާގަ ނުލިބި ދުވަސްކޮޅެއްވެސް ދިޔަނުދޭން ކުރާމަސައްކަތް ކާމިޔާބު.
ނިއުމާާ
14 September 2019
މަސައްކަތް ނުކުރެވެންޏާ އިސްތިއުފާ ދޭންވީނު؟
ބީ++
14 September 2019
ކަންކަން ނުކުރެވޭ ކަމަށް އެއްބަސްވުމަކީ ކިހާ މާތް ރަގަޅު ކަމެއް...
ރަސްވިން
14 September 2019
ވަރައް ލޯބިވޭ ތި ރައީސް ބޭނުމީ
ލޮލީޖާ
14 September 2019
އަމިއްލަ އެދުމަށް ކުރި ކަމެއް ކުރީ
ޢައްޔުބް
14 September 2019
ބޮޑުވަޒީރު ކަންކަން ކުރުމުގައި ދަތިތައްކުރުވަމުން އައިސް ދެން މިހާރު އިބޫ އަށް ކަމެއް ނުކުރެވޭ ކަމާ އަދި މަޖްލިސް ވަރަށް ބާރަށް ދާކަން އެންގުމަށްޓަކައި އަދި ވެރިކަމަށް އާދެވޭތޯ ތިކުރާ މަސައްކަތް ދިވެހިންނަށް އެނގޭ.
މަޖިލިސް
14 September 2019
ނަތީޖާ ބީ އަކައްވުރެ މާބޮޑުތަނުންވެސް ދަށް. ގިނަޖަލްސާބޭއްވުމަކީ މޮޅުކަމެއްނޫން، އޭގެސަބަބުން އިތުރު ހަރަދުތަކެއް ހިނގީ. ގިނަވަގުތު ހޭދަކުރީ މިހާރުހުރި ގާނޫނުތައް ބަދަލްކޮށް ބައެއްގެވަޒީފާތައް ގެއްލުވައިލައި ޕާޓީއަށް ސަޕޯޓްކުރާ އެކްޓިވިސްޓް އެތަންތަނަށް ލާން. މިކަމުން ގައުމަށްވީގެއްލުން.
އުމަރުބެ
14 September 2019
އަދިވެސް ޔާނިމު ހޭވި ހަޑިން އެތިކޮޅެއް ލިބޭނެކަމަށް އުންމީދު ތިދެނީ މިސަރުކާރަށް ކުރެވުނު ކަމެއް ނެތް