ރިލްވާންގެ މައްސަލަައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް ނެތް: އެންއައިސީ

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގުމާ ގުޅިގެން ފުލުހުން ކުރި މަސައްކަތަށް ބަލާއިރު، ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނެތް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.


ރިލްވާން ވަގަށް ނެގުމާ ގުޅިގެން ކުރި ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ފަހު، މި މަހުގެ ދެވަނަ ދުވަހު އެންއައިސީން ދިން ޖަވާބުގައި ވަނީ އެކަމުގައި ފުލުހުން މިހާތަނަށް އެއްވެސް އިހުމާލެއް ވެފައިވާ ކަމުގެ ހެއްކެއް އަދި ގަރީނާއެއް ވެސް އެ ކޮމިޝަނަށް ލިބިފައި ނެތް ކަމަށެވެ.

ރިލްވާންގެ އާއިލާ އިން އެ މައްސަލަ އެންއައިސީ އަށް ހުށަހެޅީ އޮކްޓޯބަރު 29، 2014 ގަ އެވެ.

ރިލްވާންގެ މައްސަލަ ބެލުމަށް ފަހު، ރިޔާސީ ކޮމިޝަނުން ނެރުނު ވަގުތީ ރިޕޯޓުގައި ބުނެފައި ވަނީ އެ ކަމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ ކަންކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، ރިލްވާން މަރާލާފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަންތަން ފުލުހުން މިދިޔަ ހަފުތާގައި ފާސްކުރި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު 15 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ ހުޅުމާލެ އަށް ދިއުމަށް ޓާމިނަލްގައި އުޅެނިކޮށް ނަގާފައިވާ ސީސީޓީވީ ފުޓޭޖަކުންނެވެ.