ކެމިކަލް ރައްކާކުރާ ގުދަންތަކެއްގައި ރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މާލީ އެހީއެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށިގޭގައި ރޯވެ، ހަ ގެއަކާއި ހަތަރު ގުދަނެއް ވަނީ އަޅިއަށް ވެފަ އެވެ. މި ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އޭގެތެރެއިން، ބައެއް މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ އިރު ބައެއް މީހުން އާއިލާ އެހެން މީހުންގެ ގެތަކުގައި އެބަތިއްބެވެ.
ކެމިކަލް ގުދަންތަކުގައި ރޯވެ ފެތުރުނު ހުޅުން ގިނަ ބައެއްގެ ދިރިއުޅުން ވަނީ އަޅިއަށް ވެފަ އެވެ.
އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށާއި ނުރައްކާތެރި ހާދިސާތައް މަދުކުރުމާ ބެހޭ ގޮތުން ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ނިންމަވާފައި ވަނީ އެ އާއިލާތަކަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭށެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުގައި އާއިލާތަކަށް މާލީ އެހީ ހަމަޖެއްސުމުގެ ކަންކަން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ. ފިނޭންސުން އަދި ތަފްސީލް އާއްމެއް ނުކުރެ އެވެ. އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމަށް ހަވާލުކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ އިތުރުން ކަމާގުޅޭ އެހެން އިދާރާތަކާ އެވެ.
މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދޭން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އެއް ވިސްނުމަކީ މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ޕްލޭނެއް ވީހާވެސް އަވަހަކަށް އެކުލަވާލުމެވެ.