މިހާރު ހުންނަންވާނީ އިންޑަސްޓްރިއަލް ވިލެޖަށް ގުދަންތައް ބަދަލުކޮށްފައި: މުއިއްޒު

މާލޭގައި މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ތަންތަން ބަދަލުކުރަން ހިއްކި އިންޑަސްޓްރިއަލް ޒޯންގައި ގުދަން އަޅަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރީގެ ސަރުކާރުން ފުރިހަމަކުރި ކަމަށައި މި ސަރުކާރު އައި ފަހުން ގުދަންތައް ބަދަލުކުރާހާ ދުވަސް ވެއްޖެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭގެ ހުޅަނގު ދެކުނު ފަޅުން ގާތްގަނޑަކަށް ހަތް ހެކްޓަރުގެ ބިން ހިއްކީ މާލޭގައި ހުންނަން ނުޖެހޭ ތަންތަން ބަދަލުކުރަން ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ގުދަންތައް އެޅުމުގެ ބަދަލުގައި އެކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލުކޮށްފައި ވާނެ ކަމަށާއި ސަރުކާރު ބަދަލުވި އިރު، އެކަން ކުރާނެ ބަޔަކު ހޯދައި، އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފަށަން ވެސް އޮތީ ތައްޔާރުވެފައި އޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އެ ހިސާބަށް ގޮސްފައި އޮތް ކަމެއް. މި ދެންނެވީ ކުރެހުންތައް ހަދައި ފައިސާ ހަމަޖެހި، ކުންފުނި ހަމަޖެހި ދެން އޮންނާނީ މަސައްކަތް ފެށުން ނޫންތޯ؟ އެ ހިސާބަށް ގޮސްފައި އޮއްވައި ވެރިކަން ބަދަލުވީ،" ދިހަ މަސް ވެގެން ދިޔައިރު ވެސް، ގުދަން ހެދުމުގެ މަސައްކަތް ނުފެށި އޮތުމާ ބެހޭ ގޮތުން ސުވާލު އުފައްދަވައި މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހެދި ހުރިހާ ދިރާސާތަކެއްގެ މައުލޫމާތު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި މި ސަރުކާރުގެ އިސް ބޭފުޅުންނާ ހިއްސާ ވެސް ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދިރާސާތަކުން، މާލޭގައި ހުރި ގުދަންތަކުގެ ތަފްސީލްތައް އެނގޭނެ އެވެ.

ކުރީގެ ސަރުކާރުން ރާވާފައި އޮތީ ކެމިކަލް ގުދަންތަކާއި ލަކުޑި ގުދަންތަކާއި ފިޔާ ގުދަންތައް ފަދަ ތަންތަން ވެސް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރާށެވެ. އަދި އާންމު ދިރިއުޅުމަށް އުނދަގޫވާނެ ހުރިހާ ވޯކްޝޮޕްތަކާއި ގުދަންތައް ބަދަލުކުރާ ގޮތަށް ކުރެހުންތައް ހަދާފައި އޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތަން ދޭނެ ގޮތުގެ އުސޫލު ހަދައި އެމްޕީއެލްއާ ހިއްސާކޮށްފައިވާނެ އެވެ.

"ސަރުކާރަށް 10 މަސް ވެގެން ދިޔަ އިރު، އެ މަސައްކަތް ކުރައްވާފައި ނޫންތޯ އޮންނަން ވާނީ؟" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން މަޖީދީމަގު އަލުން ހެދި އިރު ފަޔަ ހައިޑްރަންޓް ނިޒާމު ގާއިމުކުރަން އަޅަން ޖެހޭ ހޮޅި ވެސް ވާނީ އަޅައިފަ އެވެ. އޭނާ ވިދާޅުވީ މަޖީދީ މަގުގެ އެކި ހިސާބުތަކުން ފެން ނެގޭ ގޮތަށް ނިޒާމު ގާއިމުކޮށްފައި އޮއްވައި، އެ ބޭނުން ނުކުރި ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ބަލަން ޖެހޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުން ކުރީގެ ސަރުކާރުގެ ބޮލުގައި ކަންކަން އެޅުވުމުގެ ބަދަލުގައި މިހާރު ސަރުކާރުން އިސްކަން ދޭންޖެހޭނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ، އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދޭން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކިހިނެެއްކަން ބަލައި، އިހުމާލެއް އޮތްތޯ ބެލުމަށް ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.