ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބަކަށް ޝާތިރު

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ތ. ހިރިލަންދޫ، ތިރިންގަލި، މުހައްމަދު ޝާތިރު މިއަދު ހަމަޖައްސައިފި އެވެ.


އޭނާ މިހާތަނަށް ހުންނެވީ ގައުމީ އަރުޝީފްގެ ޑިރެކްޓަރު ޖެނެެރަލްގެ މަގާމުގަ އެވެ.

ޝާތިރު މީގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުގެ ސީނިއާ އެޑިޓަރުކަމާއި އެ ދާއިރާގެ އެކި މަގާމުތައް ހިމެނެ އެވެ. މީގެ އިތުރުން އޭނާއަކީ ދިވެހި ތާރީހު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރައްވާ ތާރީހު އިލްމުވެރިއެކެވެ. ޝާތިރަކީ މީޑިއާގެ ދާއިރާއިން އެކި މިނިސްޓްރީތަކަށް ފަންނީ ލަފާދެއްވުމާއި ލިއުންތެރިކަމުގެ ދާއިރާ އިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. \

ދިވެހި ތާރީހުގެ ދާއިރާ އިން ދިވެހި ތާރީހާ މެދު މީހުން ހޭލުންތެރިކުރުވުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2017 ވަނަ އަހަރު ޝާތިރަށް ލިބިވަޑައިގެންނެވި އެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯއްދަވާފައިވާ ބޭފުޅެކެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.