ކެމިކަލް ގުދަންކުރުމާ ބެހޭ ގަވާއިދު ގެޒެޓްކޮށްފި

ރާއްޖެ އަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް މިއަދު ގެޒެޓްކޮށްފި އެވެ.


ކެމިކަލް ގުދަންކުރުމާ ބެހޭ ގަވާއިދެއް މީގެކުރިން ނޯވެ އެވެ. މިއަދުން ފެށިގެން އަމަލުކުރާ ގޮތަށް ގަވާއިދެއް ގެޒެޓްކޮށްފައި މިވަނީ މިިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވެފައި ވަނިކޮށެވެ. މި ހާދިސާގައި ހާލުގައި ޖެހި އެ ގެތަކުގައި ދިރިއުޅުނު ގިނަ އަދަދެއްގެ ބަޔަކު މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

ޑިފެންސް މިނިސްޓްރީން ތަންފީޒުކުރަން ޖެހޭ ގޮތަށް ހަދާފައިވާ ހަރުކަށި ގަވާއިދުގައިވާ ގޮތުން ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކުރުމުގެ ކުރިން މިހާރު ވެސް އޮންނަ ގޮތަށް އެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ.

ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޭ ޝަރުތުތައް

- ރައްކާތެރިކަމާ އެކު ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައި ވުން.

- ރައްކާތެރިކަމާ އެކު ގުދަންކުރެވޭނެ އިންތިޒާމެއް ހުރުން.

- ވިޔަފާރި އަށް އެތެރެކުރާ ކެމިކަލެއް ރައްކާތެރިކަމާ އެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކެމިކަލް ގަންނަން ފަރާތްތަކަށް ފޯރުކޮށްދިނުން.

- ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނެ ގޮތަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާކޮށްފައި ހުރުން.

ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އެ ކެމިކަލެއްގެ ނުރައްކާތެރި މިންވަަރަށް ބަލައި މިނިސްޓްރީން ކަނޑައަޅާ އަދަދަކަށެވެ. ރާއްޖެ އެތެރެކުރާ ކެމިކަލް ވިއްކޭނީ ގަވާއިދުގައިވާ ގޮތުން ވަކި ހުއްދައެއް ނަގައިގެންނެވެ. ވިއްކާ ކެމިކަލްތަކުގައި، އޭގެ ނުރައްކާ އާއްމުންނަށް އެނގޭނެ ގޮތަށް ލިޔެ ހަރުކުރަން ޖެހެ އެވެ.

ކެމިކަލް ވިއްކާ ފަރާތްތަކުން ރެކޯޑު ބެލެހެއްޓުމަށް ވެސް ގަވާއިދުގައި މަޖުބޫރުކޮށްފައިވެ އެވެ. ކަމާބެހޭ އިދާރާތަކުން ބޭނުންވެއްޖެ ހާލަތެއްގައި، ކެމިކަލް ވިއްކާފައި ވަނީ ކޮން ފަރާތްތަކަކަށް ކަން ދެއްކޭނެ ގޮތަށް މައުލޫމާތު ބަލަހައްޓަން ޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން މިނިސްޓްރީން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކެމިކަލް ގުދަންތައް އިންސްޕެކްޓް ކުރެވޭނެ އެވެ.

ކެމިކަލް ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތް

- ކެމިކަލް ގުދަން ހުންނަން ޖެހެނީ މީހުން ދިރިއުޅޭ ތަންތަނާ ވަކިން.

- ކެމިކަލް ރައްކާކުރާ ގުދަން ތިން ބުރިއަށް ވުރެން އުސްކޮށެއް ނުހެދޭނެ.

- ގުދަންތަކުގެ ދޮރުތަކަކީ ފަޔަ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭ.

- ވަކި ފިނި ހޫނު މިނެއްގައި ބަހައްޓަން ޖެހޭ ކެމިކަލަކަށް ހާއްސަ ގުދަންތައް ހެދުން.

- ގުދަނުގައި ކަރަންޓް ވަޔަރުކޮށްފައި ހުންނަން ޖެހެނީ ކޮންޑިއުޓް ހޮޅިއަށް ލައްވައިގެން.

- ހުއްދަ ދޭ ތަކެތި ނޫން އެހެން އެއްވެސް އެއްޗެއް އެ ގުދަނުގައި ރައްކާކުރުން މަނާ.

- ފަޔަ އެންޑް ރެސްކިއު ސާވިސް އިން ކަނޑައަޅާ ގޮތެއްގެ މަތިން އަލިފާން ނިއްވޭނެ ނިޒާމެއް ގުދަނުގައި ގާއިމްކުރަން ޖެހޭ.

ގަވާއިދާ ޚިލާފުވުމުން ބޮޑު ޖޫރިމަނާއެއް

- ރާއްޖެ އަށް ކެމިކަލް އެތެރެކުރާ އިރު ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ލޭބަލް ހަރުކޮށްފައި ނުވާ ނަމަ 5،000ރ.-20،000ރ. އިން ޖޫރިމަނާ ކުރާނެ.

- ގަވާއިދުގެ އެއްވެސް ކަމަކާ ޚިލާފުވެއްޖެ ނަމަ ބޮޑުވެގެން 50،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ.

- ޖޫރިމަނާ ކުރުމުގެ އިތުރުން ހުއްދަ ހިފެހެއްޓުމުގެ އިޚްތިޔާރު ޑިފެންސް މިނިސްޓްރީ އަށް ލިބިގެންވޭ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގައި ކެމިކަލް ގުދަން ބެހެއްޓުން ވަނީ މަނާކޮށްފަ އެވެ. އެ ހުރިހާ ގުދަންތައް ތިން މަސް ދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.