އައިއޯސްގެ އާ އަޕްޑޭޓް، އައިއޯއެސް 13 އާއެކު އެޕަލްގެ ޑިވައިސްތައް ބޭނުންކުރާ މީހުންނަށް ހާއްސަކޮށް އޮންލައިން ވީޑިއޯ ގޭމް ސަބްސްކްރިޕްޝަނެއް ވަނީ ތައާރަފުކޮށްފަ އެވެ. މިތަން ފެނި ގޫގުލް އަށް ވެސް މަޑަކުން ނޯވެވުނެވެ. އެމީހުން ވެސް މިހާރު އެންމެފަހުން ވަނީ އެންޑްރޮއިޑް ޑިވައިސްތަކަށް ހާއްސަކޮށް އޮންލައިން ވީޑިއޯ ގޭމް ސަބްސްކްރިޕްޝަނެއް ހުޅުވާލައިފަ އެވެ. ނަމަކީ ގޫގުލް ޕްލޭ ޕާސް އެވެ.

ހަމަ އެޕަލް އާކޭޑްއާ އެއް ގޮތަށް ގޫގުލް ޕްލޭ ޕާސްގައި ވެސް ވީޑިއޯ ގޭމްގެ ބޮޑު ލައިބްރަރީއަކަށް އަންލިމިޓެޑް އެކްސެސް ދިނެވެ. އެޕަލް އާކޭޑްގައި ހަމައެކަނި ގޭމް ހުއްޓަސް، ގޫގުލް ޕްލޭ ޕާސްގައި ބައެއް ޔުޓިލިޓީ އެޕްލިކޭޝަންތައް ލިބެން ހުންނާނެ އެވެ. އެންމެ ހެއްވާ ކަމަކީ މި ދޭއްޗަށް ވެސް ސަބްސްކްރައިބް ކުރެވެނީ އެއް އަގަކަށެވެ. އެއީ 4.99 ޑޮލަރަށެވެ.

އެޕަލް އާކޭޑް

- އަގަކީ 4.99 ޑޮލަރު (ފުރަތަމަ އެއް މަސް ހިލޭ)

- އެއް އެކައުންޓުން 10 ޑިވައިސްގައި ކުޅެވޭނެ

- އެޕަލް ފެމެލީ ޝެއަރިންގެ ދަށުން އިތުރު 5 މީހުނަށް އެކައުންޓް ޝެއާކުރެވޭނެ

- 100 އަށް ވުރެ ގިނަ އެކްސްކުލޫޒީވް ގޭމްތައް

ގޫގުލް ޕްލޭ ޕާސް

- އަގަކީ 4.99 ޑޮލަރު (10 ދުވަސް ހިލޭ) / އޮކްޓޯބަރު 21 ގެ ކުރިން ސަބްސްކްރައިބްކުރާ ނަމަ އަހަރަކަށް ކޮންމެ މަހަކު 1.99 ޑޮލަރު

- އެއް އެކައުންޓުން 10 ޑިވައިސްގައި ކުޅެވޭނެ

- 350 އަށް ވުރެ ގިނަ ގޭމާއި އެޕްތައް (އެއްވެސް އެކްސްކުލޫޒީވް އެޕްއެއް ނީނދެ)

- ގޫގުލް ޕްލޭ ފެމެލީ ލައިބްރަރީގެ ދަށުން އިތުރު 5 މީހުނަށް އެކައުންޓް ޝެއާކުރެވޭނެ