އަލިފާނުގެ ހާދިސާާ މުއިއްޒު ޓެރަރިޒަމާ ގުޅުވީ ހެއްކެއް އޮވެގެން ނޫން: ޕޮލިސް

ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި މި މަހުގެ 20 ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ސިފަކުރެއްވީ އެއްވެސް ހެއްކެއް ނުވަތަ ސައްހަ މައުލޫމާތެއްގެ މައްޗަށް ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަކީ މުއިއްޒު ސިފަކުރެއްވި ގޮތުގައި "ރޭވި، އިންތިޒާމުވެގެން ދީފައިވާ ޓެރަރިސްޓު ހަމަލާ" އެކެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުގެ މި ތުހުމަތާ އެކު ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މެމްބަރު މުއިއްޒުގެ ތުހުމަތާ ގުޅިގެން ފުލުހުން ސުވާލު ކުރި ކަމަށެވެ. މެމްބަރު އެ ވާހަކަ ދެއްކެވީ އެއްވެސް ހެއްކެއް ގަރީނާއެއް އޮވެގެން ނޫން ކަމަށާއި އެއީ ލަފާ ކުރެއްވުނު ގޮތް ކަމަށް ހަމީދު ވިދާޅުވި އެވެ.

"[އަލިފާނުގެ] ދެ ހާދިސާ ވެސް ޓެރަރިޒަމާ ގުޅުން ހުރި ކަމަކަށް އަޅުގަނޑުމެން ނުދެކެން، ހަމީދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މުއިއްޒު ހާމަކުރެއްވީ "ހީކުރެއްވި ގޮތެއް" ކަމަށެވެ. އެހެންވެ ސީރިއަސް ބޮޑު ކަމެއްގައި އެގޮތަށް ހީކުރެއްވޭ ގޮތަށް އެއްޗެއް ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ އަށް ދެންނެވި އިމްރާން ވިދާޅުވި އެވެ.

ކެމިކަލް ގުދަނުގައި ރޯވުމުގެ އިތުރުން ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާއާ ވެސް ޓެރަރިޒަމާ ގުޅުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ޗީފް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ވިދާޅުވި ގޮތުގައި ކެމިކަލް ގުދަނުގެ ހާދިސާއަކީ ބައެއްގެ އިހުމާލުން ނުވަތަ ގަސްތުގައި ކުރި ކަމެއް ވެސް މިހާތަނަށް ނުބެލެވެ އެވެ. ފުލުހުން މިހާތަނަށް ދިރާސާކުރި ފުޓޭޖްތަކުން ފެންނަ ގޮތުގައި ފުރަތަމަ ރޯވީ ތިލަފުށިގޭގައި ހިންގި ކެމިކަލް ގުދަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ: ސެޕްޓެމްބަރު 20، 2019: މިއަދުގެ އަލިފާނުގެ ހާދިސާ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބަޝީރު ވިދާޅުވީ ތިލަފުށިގޭގައި ގުދަންކޮށްފައި ހުރީ ރާއްޖެ އެތެރެކުރަން ޑިފެންސް މިނިސްޓްރީން ހުއްދަ ދީފައި ހުރި ކެމިކަލްތައް ކަމަށެވެ. އޭގެތެރޭގައި އެއްޗެހި ދޮވުމަށާއި ގޭތެރެ ސާފުކުރަން އަދި ޕޫލަށް އަޅަން ބޭނުންކުރާ އެކި ވައްތަރުގެ ކެމިކަލް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެންވޭރު މާޓިން ގޭގައި ހުރި ފިނޯ ކުންފުނީގެ ގުދަނުގައި ހުރީ ކުކުޅާއި ތަރުކާރީ ފަދަ ބާވަތްތަކެވެ.

ބަޝީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އަލިފާނުގެ ދެ ހާދިސާ ހިނގި ގޮތް އަދި ނޭނގުނަސް ޓެރަރިޒަމާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މިހާތަނަށް ލިބިފައިވާ ފުޓޭޖްތަކުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ފުރަތަމަ އަލިފާން ހިފާފައި ވަނީ ހެންވޭރު ތިލަފުށީގޭގެ ގުދަނުގައި. އޭގެ ކުޑައިރުކޮޅެއް ފަހުން މަގުމަތީގައި ހުރި ސައިކަލްތަކާއި ރަދުވާނިއާ ގޭގައި އަލިފާން ހިފައި އޭގެ ފަހުން އިތުރު ގެތަކުގައި އަލިފާން ހިފަމުން ދިޔަ ކަން އަޅުގަނޑުމެންނަށް ފާހަގަވެފައި ވަނީ،" ބަޝީރު ވިދާޅުވި އެވެ.

"މިހާތަނަށް ބެލިބެލުމުގައި އެއްވެސް ފަރާތެއްގެ ޒިންމާއެއް ނުވަތަ އިހުމާލެއް، ނުވަތަ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް މައުލޫމާތު ލިބިފައެއް ނުވޭ. އަދިވެސް އަޅުގަނޑުމެން މި ގެންދަނީ މި މައްސަލައާ ގުޅޭ އިތުރު ކަންކަން ސާފުކުރަން،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ އާއި ޓީ ޖެޓީގައި އަލިފާން ރޯވި ގޮތް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.