މުއިއްޒަށް އަދިވެސް އެއީ "ޓެރަރިސްޓް ހަމަލާއެއް"

ހ. ތިލަފުށިގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ސިފަކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، މުއިއްޒު ވަނީ އޭނާގެ ވާހަކަ ދިފާއުކުރައްވައިފަ އެވެ.


މިދިޔަ އާދިއްތަ ދުވަހު މުއިއްޒު ފޭސްބުކްގައި ވިދާޅުވީ މާލޭގައި އެ ހާދިސާއަކީ ރޭވި، އިންތިޒާމުވެގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. އެކަމަކު އެމްއެންޑީއެފާއި ފުލުހުންނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ޓެގް ކުރައްވައި ވިދާޅުވީ އެއީ އޭނާގެ "އަމިއްލަ ހިޔާލު" ކަމަށެވެ.

މުއިއްޒުގެ އެ ވާހަކަތަކަށް ފާޑުކިޔާ ބައެއް މީހުން ބުނީ ސާބިތު ނުހިފޭ ވާހަކަ ދައްކާ މީހުންނާ މެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. މުއިއްޒަށް މި ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ނަމަ، ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އެކަމަކު މުއިއްޒު ދެން ވެސް ވިދާޅުވަނީ އެއީ އޭނާ އަށް ސިފަކުރެއްވޭ ގޮތް ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް، މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިހުގެ މެމްބަރަކު މިފަދަ ވާހަކައެއް ވިދާޅުވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެމްއެންޑީއެފާއި ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައި ޝިޔާމް ވަނީ މިކަން ފުރިހަމަ އަށް ތަހުގީގުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: ފުރަތަމަ ރޯވީ ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފުލުހުން ބުނެފައިވާ ގޮތުގައި އަލިފާންގެ ހާދިސާގައި ޓެރަރިޒަށް ޝައްކުކުރެވޭ ކަމެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މުއިއްޒު އެފަދަ ވާހަކައެއް ދައްކަވާނީ ސަބަބެއް އޮވެގެން ކަމަށެވެ. މުއިއްޒަކީ މަޖިލީހުގައި ބަސް މަދު ބޭފުޅަކަށް ވާ އިރު، އެހާ ބޮޑު ތުހުމަތެއް އޭނާ ކުރައްވާނީ ކޮންމެވެސް ކަމަކާ ގުޅިގެން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މުއިއްޒުއާ ދެކޮޅަށް ޓުވިޓާގައި ހިޔާލު ފާޅުކުރި ޝިން ނަމަކަށް ކިޔާ މީހަކު ބުނީ ސާބިތު ނުހިފޭ ވާހަކަ ދައްކަވަން މުއިއްޒު ފަދަ ބޭފުޅުން މާ މޮޅު ކަމަށެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެމްޑީޕީ މެމްބަރެއްގެ ފަރާތުން މިކަހަލަ ވާހަކައެއް ޔަގީންކަމާ އެކު ބުނުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް އޭނާ ލިއުނެވެ.

އަލިފާނުގެ ހާދިސާގައި އަނދާ ހުލުވި ތަނެއް ސާފުކުރަނީ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އޭދަފުށީ ދާއިރާ އަށް ކުރިމަތިލެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓެ) ކުރެއްވި ޓުވީޓުގައި ވިދާޅުވި ގޮތުގައި މުއިއްޒު ދެއްކެވީ އާދައިގެ ވާހަކަތަކެއް ނޫނެވެ. ފުލުހުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށާއި މުއިއްޒު އެހެން ވިދާޅުވާ ނަމަ، އޭނާ އަށް ޝައްކުކުރެވޭ މީހަކު ހުންނަން ޖެހޭނެ ކަމަށް ވެސް އާއްޓެ ވިދާޅުވި އެވެ.

އާރިފް ކުރެއްވި ޓުވީޓު.

އިބްރާހިމް ރަފޫ ނަމުގައި ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ބުނީ ކަމާ ބެހޭ މުއައްސަސާތަކުން މިކަން ތަހުގީގުކޮށް އެއްޗެއް ނުބުނަނީސް އަމިއްލައަށް ކަންކަން ހާމަކުރާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.

މުއިއްޒު އެގޮތަށް ވާހަކަ ދެއްކެވީ ކިހާ ވަރެއްގެ ހެއްކަކަށް ބިނާކުރައްވައިގެންތޯ، ބައެއް މީހުން ސުވާލުކުރި އެވެ.

"އެއީ އަޅުގަނޑުގެ ރައުޔު"

"މިހާރު"އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޓެރަރިސްޓް ހަމަލައެއް ކަމަށް އޭނާ ލިއުއްވީ "ހަމަ ލޮލަށް ފެނުނު މަންޒަރުތަކުން" ކަމަށެވެ. އެކަމަކު އެއީ ވަކި މީހަކު އެކަން ކުރަނިކޮށް ފެނިވަޑައިގެން ނުވަތަ ހެކިތަކެއްގެ މައްޗަށް ބިނާކުރައްވައިގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އަބަދަށްފެހި މަގުގައި ހުރި ބައެއް ގެތައް އަލިފާނުގެ ހާދިސާއަށް ފަހު -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެއީ އަޅުގަނޑުގެ އަމިއްލަ ރައުޔު. އަޅުގަނޑަކީ އެތަނުގެ ހާލަތު އެ ހިސާބަށް ދިޔައިރު، ހުރި މީހެއް. އަޅުގަނޑުގެ ހިޔާލު އެއީ،" އަލިފާނުގެ ހާދިސާގައި ގިނަ ގެތަކަކާއި ގުދަންތަކެއް އަނދައި އަޅިއަށްވި ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

"މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގި ތަންތަނުގައި ފުދޭ ވަރަކަށް އުޅެވުނު. އެކަމަކު މިފަހަރު ބޮޑު އަލިފާނުގެ ހާދިސާއެއް މި ހިނގީ. އެގޮތަށް ވިސްނާލާ އިރުގައި އަމިއްލަ ރައުޔާއި އަޅުގަނޑަށް ތަސައްވަރު ކުރެވުނު ގޮތް އެއީ."

އޭނާ ވިދާޅުވި ގޮތުގައި ގުދަނުގައި އަލިފާން ހިފި ވަގުތު އޭނާ ހުންނެވީ ހިކިފިނިފެންމާގެ ކައިރީގަ އެވެ. އަދި އެ ގެ ހުންނަ ކޮށި ވަށާލާފައި ވަޑައިގެންނެވި އިރު، ހުޅުގަނޑު ފަޅައިގެން ގޮސް ބާރު ގޮވުންތަކެއް ގޮވުމުން އެއީ ޓެރަރިސްޓް ހަމަލާއެކޭ ވިދާޅުވުމުގެ ޖާގަ އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ސިނާރިއޯ އަށް ވިސްނާލާ އިރު، އަޅުގަނޑަށް އޭތި ސިފަކުރެވޭ ގޮތް އެއީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ތުހުމަތުކުރެއްވުމާ ގުޅިގެން ފުލުހުން އޭނާއާ އަދި ސުވާލުކޮށްފައި ނުވާ ކަމަށެވެ.

ހަތް ގެއަކާއި ހަތަރު ގުދަނެއް އެނދި އެ ހާދިސާގައި ހާލުގައި ޖެހުނު 290 އެއްހާ މީހުން އަދި ވެސް ތިބީ ވަގުތީ ހިޔާތަކުގަ އެވެ. އެސެސްމަންޓް ހެދިއިރު އަލިފާނުގެ އަސަރު ކުރި ގެތަކުގެ އަދަދު ގާތްގަނޑަކަށް 30 އަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.

މި ހާދިސާގައި ގެއިން ނުކުންނާނެ ފުރުސަތު ނުލިބުނު ދިވެހި އަންހެނަކު ވަނީ މަރުވެފަ އެވެ.