މި ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމަކީ ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވޭ ފަދަ ކަންކަމަށް ނުވިޔަސް، އެ ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.

އެކްޝަން ޕްލޭން އިފްތިތާހު ކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެކްޝަން ޕްލޭން ބިނާ ކޮށްފައިވަނީ ކޯލިޝަނުން ނެރުނު މެނިފެސްޓޯގައި ހިމެނޭ ކަންކަން ކަމަށެވެ. ރައްޔިތުން މި ސަރުކާރު ގެނައީ އެ މެނިފެސްޓޯ ތަންފީޒު ކުރަން ކަމަށް ވިދާޅުވި އެވެ.

ތިމާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިޔަސް އެ ކަންތައް ތަންފީޒު ކުރުމުގައި ފަސްޖެހި ވަޑައިނުގެން އަޅުގަނޑާ އެކު ކުރިއަށް ވަޑައިގަތުމަކީ ހުރިހާ ވަޒީރުންގެ ކިބައިން އަދި ސިޔާސީ ހުރިހާ މުވައްޒަފުންގެ ކިބައިން އެދޭ އެދުމެއް. --ރައީސް

ރައީސް އެދިވަޑައިގަތީ، އެކްޝަން ޕްލޭންގައި ހިމެނޭ ބައެއް ކަންކަމާ ނުގަބޫލު ވިޔަސް އެ ޕްލޭން ތަންފީޒު ކުރަން، ސަރުކާރުގެ ހުރިހާ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން ވެސް އެއްބާރުލުން ދެއްވުމަށެވެ.

"މިއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނާ ވާހަކަ ދެކެވި، އެތައް މުއައްސަސާތަކާ ވާހަކަ ދެކެވި ލިޔެވިފައި ހުރި ކަންތައްތަކެއް. އެހެންވީމަ ތިމާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިޔަސް އެކަންތައް ތަންފީޒު ކުރުމުގައި ފަސްޖެހިވަޑައިނުގެން އަޅުގަނޑާ އެކު ކުރިއަށް ވަޑައިގަތުމަކީ ހުރިހާ ވަޒީރުންގެ ކިބައިން އަދި ސިޔާސީ ހުރިހާ މުވައްޒަފުންގެ ކިބައިން އެދޭ އެދުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ޕްލޭން ތަންފީޒު ކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ. އެކްޝަން ޕްލޭންގައި ހުރި ކަންކަން ލިޔެފައި ހުރީ މުއްދަތުތަކެއް ކަނޑައެޅުމަށް ފަހު ކަމަށް ވާތީ އެ ޕްލޭނާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގައި ހުންނާނެ ކުރަންވީ ކަންތައްތަކާއި ތާރީޚާއި ފައިސާ ހޯދާނެ ގޮތާއި އެކަން ނިންމަންވާނެ ތާރީޚު. ފާހަގަ ޖަހަމުން ތި ބޭފުޅުން ކުރިއަށް ވަޑައިގަންނަވަންވީ. އެއްވެސް މައްސަލައެއް ނެތް. އޭރަށް ފަސް އަހަރު ވާއިރަށް އަޅުގަނޑުމެންގެ ވައުދުތައް އޮންނާނީ ފުދިފައި،" ކޯލިޝަންގެ ލީޑަރުންނާއި ވަޒީރުން ވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވުނެވެ. އެކަމަކު އިތުރަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އެ އެކްޝަން ޕްލޭންގެ ބޭނުމަކީ އެކަންކަން ހާސިލް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކްޝަން ޕްލޭން ބިނާ ކޮށްފައިވަނީ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ދާއިރާ ކަމަށް ވާ ނޫ އިގްތިސާދާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުމުގެ އިތުރުން ހެޔޮ ވެރިކަމެވެ. އެ ދާއިރާތަކުން ޖުމްލަ 33 ކެޓަރީއަކުން އެކި ކަންކަން އެކި މުއްދަތުތަކުގެ ތެރޭގައި ކުރަން އެ ޕްލޭންގައި ރާވާފައިވެ އެވެ.