ރިޕޯޓް / ސައޫދީ އަރަބިއްޔާ

ގަތަރުގެ މައްސަލައިން ރާއްޖެއަށް ވެސް ފިލާވަޅެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަތަރާ އެކު ސިޔާާސީ ގުޅުން ކަނޑާލީ ސައުދީ އަރަބިޔާ އިން ނިންމުން ނިންމުންތަކާ ގުޅިގެންނެވެ. އަދި އަލުން އެ ގުޅުން ގާއިމްކުރަނީ ވެސް، ސައުދީގެ ސިޔާސަތަށް ގެނައި ބަދަލުގެ ފަހުންނެވެ.

ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު.

13 ޖެނުއަރީ 2021 - 10:12

11 comments
happy icon 88%

ސައުދީ އަރަބިއްޔާގެ އިހުގެ ސަހަރާއެއް ކަމަށްވާ އަލް އުލާގައި، މިދިޔަ އަންގާރަ ދުވަހު ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމަކީ މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުމަށް އެޅި ތާރީހީ ފިޔަވަޅެކެވެ. ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއް ތިން އަހަރާއި ހަ މަސް ވަންދެން ގަތަރާ ގުޅުން ކަނޑާލައިގެން ތިބި ތިބުން ނިމުމަކަށް ގެނެސް އަލުން ގުޅުން ބަދަހިކުރެވިދާނެ ކަމުގެ ފެހި ސިގްނަލް ލިބުނު ދުވަހެކެވެ. އޭގެ ފޮނި މީރުކަން އޮތީ ހަމައެކަނި ގަތަރާއި އަރަބި އެހެން ގައުމުތަކަކަށް ނޫނެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް އިތުރު ފުރުސަތުތަކެއް ހުޅުވާލަދިން ދުވަހަކަށް ވާނެ އެވެ.

ގަލްފް ގައުމުތަކުގެ ހަމަނުޖެހުމުގެ ތެރެއިން ރާއްޖެ ވެސް ކޮންމެވެސް ސިފައެއްގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވި ގޮތުންނާއި ނިންމި ބޮޑެތި ނިންމުންތަކުގެ ސަބަބުންނެވެ. މެއި 17، 2016 ގައި ރާއްޖެ އާއި އިރާން ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލި އެވެ. އޭގެ ހަ މަސް ފަހުން ރާއްޖެއިން ކޮމަންވެލްތުން ވަކިވި އެވެ. އަދި ޖޫން 5، 2017 ގައި ގަތަރާ އެކު ވެސް ސިޔާސީ ގުޅުން ކަނޑާލީ އެވެ.

އެއިން ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި ކޮންމެ ކަހަލަ ސަބަބުތަކެއް އޮތަސް އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީން ސަރުކާރުގެ އަމަލްތައް ސިފަކުރީ "ދުނިޔެއާ އެކަހެރިވުމު"ގެ ސިޔާސަތެއް ގޮތުގަ އެވެ. އަދި "ސައުދީ އަރަބިއްޔާ އަތް މައްޗަށް" ގައުމުގެ ހާރިޖީ ސިޔާސަތު ދޫކޮށްލީ ކަމަށް ވެސް، އޭރު އެމްޑީޕީން ބުނަމުން ދިޔަ އެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ޕޯޑިއަމްތަކާއި ޕްރެސްތަކުގައި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ވާހަކަފުޅު ދެއްކެވި އެވެ. އިދިކޮޅު ގުޅުމުގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނީ މިނިވަން ހާރިޖީ ސިޔާސަތެއް އެކަށައަޅައި ދެމެހެއްޓުމާއި، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ ވާހަކަ އެވެ. ގަތަރާއި އިރާނާ ގުޅުން އަލުން ގާއިމްކޮށް، ކޮމަންވެލްތުގެ މެމްބަރަކަށް ވެސް އަލުން ވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

އެކަމަކު ކަންކަން ދިޔައީ އޭރު އިދިކޮޅުން ވައުދުވި ގޮތަކަށް ނޫނެވެ. ގަތަރާާ ގުޅުން ގާއިމެއް ނުކުރެވުނެވެ. އޭގެ ސަބަބަކީ، ސަރުކާރުން ސީދަލަށް ނުބުންޏަސް، ސައުދީ އަރަބިއްޔާގެ ބާރު ގަދަވުމެވެ. ސައުދީން ގަތަރާ ގުޅުން ގާއިމްކުރުމާ އެކު ރާއްޖެ އިން ވެސް އެގޮތަށް ދިޔައީ އެވެ. ދެން އޮތީ އީރާނާ އެކު ސިޔާސީ ގުޅުން ގާއިމްކުރާނީ ކޮން އިރަކުންތޯ ކުރެވޭ ސުވާލެވެ. އެކަމަކު އެއީ ގަތަރާއި ސައުދީއާ ދެމެދު އުފެދުނު މައްސަލައަށް ވުރެ މާ ބޮޑު، މާ ނާޒުކު މައްސަލައެކެވެ.

ސައުދީ-ގަތަރު މައްސަލަ ކުރުކޮށް

ސައުދީ އާއި ގަތަރާ ދެމެދު ހިޔާލު ތަފާތުވުން އުފެދިގެން ހިނގާތާ ކިތައްމެ އަހަރެކެވެ. އެ ހުރިހާ ކަމެއް ފެށިގެން އަންނަނީ ވެސް ޖީސީސީއާ ހިސާބުންނެވެ.

ޖީސީސީއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ، ޔުނައިޓަޑް އަރަބް އެމިރޭޓްސް، ގަތަރު، އޮމާން، ކުވޭތު އަދި ބަހްރެއިން މެދުގައި ސިޔާސީ އަދި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމުގެ މަގްސަދުގައި 1981 ގައި އުފެއްދި ކައުންސިލެކެވެ. އެ ކައުންސިލްގެ ހަ މެންބަރު ގައުމުގެ ގުޅުން އެތައް ގޮތަކުން އެއް ގޮތެވެ. ބަހާއި ސަގާފަތާއި އާދަކާދަ އަދި މަޒްހަބީ ގޮތުން ވެސް މި ގައުމުތައް ވަނީ ގުޅިލާމެހިފަ އެވެ.

ނަމަވެސް ސައުދީ އަރަބިއްޔާ އަބަދުވެސް ދެކެނީ އެއީ މި ހުރިހާ ގައުމެއްގެ ލީޑަރެއްގެ ގޮތުގަ އެވެ. އިސްލާމް ދީނުގެ މާތް ދެ ބިން ކަމަށްވާ މައްކާ އާއި މަދީނާ، އެ ގައުމުގެ ބައެއްގެ ގޮތުގައި އޮތުން އެކަންޏެއް ނޫނެވެ. އާބާދީ ބޮޑުވެފައި، ތެލުގެ މުއްސަނދިކަން ވެސް އެންމެ ބޮޑު ގައުމަށް ވާތީ އެވެ. އެހެންވެ ޖީސީސީގައި ސައުދީއަށް ގޮންޖަހާލެވޭ އިތުރު ގައުމެއް ނެތް ކަމަށް ސައުދީން ގަބޫލުކުރެ އެވެ. ނަމަވެސް 1995 ގައި ގަތަރުގެ އަމީރުކަމާ ޝޭހް ހަމަދް ބިން ހަލީފާ އަލް ތާނީ ހަވާލުވެވަޑައިގަތުމާ އެކު ސައުދީގެ އެ ވިސްނުމަށް އަސަރުކުރަން ފެށި އެވެ.

ޖީސީސީ މެންބަރު ގައުމުތަކުގެ ވެރިން--

ގަތަރުގެ އާ އަމީރު އެ ގައުމު ގެންދަން ބޭނުންވީ މުޅިން އެހެން ދިމާލަކަށެވެ. ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރަމުން އައީ އެކަމާ މެދު ސައުދީން ހިތްހަމަޖެހޭނެތޯ ނުވަތަ ނޫންތޯ ބެލުމެއް ނެތި، މިނިވަންކަމާ އެކު އެވެ. އޭގެ އެންމެ ބޮޑު ފިޔަވަޅަކީ މެދު އިރުމަތީ ސައުދީގެ އެންމެ ބޮޑު ވާދަވެރިޔާ، އިރާންއާ އެކު ގަތަރުން ގުޅުން ވަރުގަދަކުރުމެވެ.

ގަތަރުގެ ޝާހީ އާއިލާ ފަހަތުގައި އޮވެ އުފެއްދި އަލް-ޖަޒީރާ ޓީވީއަކީ އަނެއް މައްސަލަ އެވެ. ދުނިޔޭގެ ނުފޫޒު ގަދަ އަދި ބޮޑެތި މީޑިއާތަކާ ވާދަކުރެވޭ ވަރުގެ ޓީވީ ޗެނެލްއަކަށް އަލް-ޖަޒީރާ ހަމައެކަނި ވީކީ ނޫނެވެ. ސައުދީ އަަރަބިއްޔާ އާއި އަރަބި އެހެން ގައުމުތަކުގެ ސިޔާސީ މައްސަލަތައް މިނިވަންކަމާ އެކު ކަވަރުކުރަން ވެސް ފެށީ އެވެ.

ގަތަރުގެ މައްޗަށް ޖީސީސީގެ އެހެން ގައުމުތަކުން ދެން ހިތްހަމަނުޖެހުނު އެންމެ ބޮޑު އަނެއް ސަބަބަކީ މިސްރުގެ ސަރުކާރުން "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މުސްލިމް ބްރަދާހުޑަށް ގަތަރުން އެހީވުމެވެ. މުސްލިމް ބުރަދަހުޑުގެ ފަލްސަފާ އަރަބި އެހެން ގައުމުތަކުގެ އާންމުންގެ މެދުގައި ވެސް މަގުބޫލުވަމުން އަ އެވެ.

މި ހުރިހާ ސަބަބުތަކާ ހެދި އެންމެ ފަހުން ސައުދީ އިސްކޮށް އޮވެ، ގަތަރާ ގުޅުން ކަނޑާލައި، ދަތިިކުރުމުގެ ފިޔަވަޅުތައް ވެސް އެޅީ އެވެ. ވަޔާއި އެއްގަމާއި ކަނޑުގެ މަގު ބަންދުކުރި އެވެ.

މި މައްސަލައިގެ ތެރެއަށް ވަން އަަރަބި ގައުމުތައް ނޫން އެހެން ގައުމުތަކަކީ ސައުދީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބި އަދި ބޭނުންވާ ގައުމުތަކެވެ. ރާއްޖެ ހިމެނުނީ އޭގެ ތެރޭގަ އެވެ.

އީރާނަކީ ގަތަރު ކަހަލަ ގައުމެއް ނޫން

ރާއްޖެއިން ގަތަރާ ގުޅުން އަލުން ގާއިމްކުރިޔަސް އީރާނާ އެކު އެ ގުޅުން އުފެއްދޭ ފަދަ ހާލަތަކަށް މެދުއިރުމަތީގެ އެހެން ގައުމުތަކުން އީރާނާ ކައިރިއެއްނުވެ އެވެ. އީރާނަކީ ޝީއީންގެ މައި ގައުމެވެ. އެހެންކަމުން އަަރަބި ގިނަ ގައުމުތަކުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ސުންނީ މަޒުހަބާއި ޝީއީންގެ ގަބޫލުކުރުމާާ އޮތް ތަފާތަކީ، ނެތި ދާނެ އެއްޗެއް ނޫނެވެ. އަދި އީރާނުން ނިއުކްލިއަަ ހަތިޔާރު އުފައްދައި، އަސްކަރީ ގޮތުން ބާރަކަށް ވާން ކުރާ މަސައްކަތަކީ، ސައުދީ އާއި އަރަބި އެހެން ގައުމުތަކުން ގަބޫލުކުރާ ގޮތުގައި، ވަރަށް ބޮޑު ނުރައްކަލެކެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތްކުރެއްވި އަދި ރައީސް ޔާމީން ސަރުކާރުގައި، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ޔާމީންގެ ސަރުކާރުން އިރާނާ ގުޅުން ކަނޑާލުމުގެ މާ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް އިރާނާ އެކު އޮތީ މާާ ގާާތް ގުޅުމެއް ނޫނެވެ. އޭނާގެ ބަހުން ނަމަ އެއީ ކިރިޔާ "އަތް ފޯރާ ފަށުގައި ބޭއްވި ގުޅުމެކެ"ވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި މުންދު ވާހަކަ ދައްކަވަނީ ---މިހާރު ފޮޓޯ

މުންދު ގަބޫލުކުރައްވާ ގޮޮތުގައި އީރާނާއި ސައުދީ އަކީ މުސްލިމް ދެ ގައުމަށް ވިޔަސް، މަހުޒަބީ، ސިޔާސީ އަދި އިގުތިސާދީ ވާދަވެރިކަމުގެ ތެރެއިން އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވުމުގެ މާނައަކީ ސައުދީއާ ގުޅުން އޮންނަ ގައުމެއް އިރާނާ މާ ބޮޑަށް ކައިރިނުވުމެވެ.

"ރައީސް މައުމޫން ޒަމާނުގައި ރާއްޖެ ކުޑަވީމާ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ކަމެއް ނުކޮށް އޮވެވިދާނެ. ނަމަވެސް ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ އެކު މިހާރު އެއީ ވާނެ ކަމެއް ނޫން. ގައުމުގެ ކުރިއެރުމަށާއި ފޮރިން ޕޮލިސީ ސާފުވާން މި އޮންނަނީ ވަކި ފަޅިއެއް ނަގަން ޖެހިފައި. އެނޫނީ އެއްވެސް ގައުމެއްގެ ފުރިހަމަ އިތުބާރެއް ރާއްޖެއަކަށް ނުލިބޭނެ،" މުންދު ވިދާޅުވި އެވެ.

ބޭރުގެ ބައެއް ގުޅުންތައް އޭގެ ޒާތުގައި ވެސް ނާޒުކެވެ. އާންމުންނަށް ސަރުކާރުތަކުން ނުދައްކާ ވާހަކަތަކާއި ފަހަތުން ހިނގާ ކަންކަން ވަރަށް ތަފާތެވެ. އިދިކޮޅުގައި އޮންނަ އިރު ދައްކާ ވާހަކަ އާއި ސަރުކާރާ ހަވާލުވުމުން، އަމަލީ ގޮތުން ވަކި ކަމެއް ކުރަންވީމާ ދެން ހުންނަ ހުރަސްތައް ބޮޑެވެ. އެހެންކަމުން އީރާނާ އެކު ސިޔާސީ ގުޅުން ގާއިމްކުރާނެ ކަމަށް، މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ބުންޏަސް، އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

މުންދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކާ އެކު ރާއްޖެ އިން ގުޅުން ބާއްވާ ނަމަ އެ ގުޅުން އެހެން މީހުންނަށް ވަރަށް ރަނގަޅަށް ސާފުވާން ވެސް ޖެހޭނެ އެވެ. އެކަމަކު ކަންކަން ވަމުން ދަނީ މުޅިން އެގޮތަށް ނޫންކަމުގެ މިސާލެއް އޭނާ ދެއްކެވި އެވެ.

މުންދު ތުހުމަތުކުރައްވާ ގޮތުގައި ސައުދީއާ އެކު އޮތް ގުޅުން ހީނަރުކުރާނެ ކަމަށް ދުނިޔޭގެ ބައެއް ގައުމުތަކުގެ ސިޔާސީ މީހުން ކައިރީގައި ބުނެފައި، ވެރިކަމާ ހަވާލުވެ ފެންނަނީ "މުހައްމަދު ބިން ސަލްމާނާ ބައްދަލުކޮށް، އިންވެސްޓްމެންޓްތައް ސޭވްކޮށް ޑީލް ހަދާ މަންޒަރެ"ވެ.

އެގޮތަށް ކަން ކުރަންޏާ "އެއްވެސް ގައުމަކުން އިތުބާރެއް ނުކުރާނެ. އިހްލާސްތެރިވާން ޖެހޭނެ. ގައުމަކާ އޮންނަ ގުޅުން އެ ބަޔަކަށް އަދި ދެން ތިބި ބަޔަކަށް ސާފުވާން ޖެހޭނެ،" މުންދު ވިދާޅުވި އެވެ.

ރާއްޖެއަށް ސައުދީ އަރަބިއްޔާ އަބަދުވެސް މުހިންމެވެ. އެކަމަކު ގަތަރާ އެކު އަލުން ސިޔާސީ ގުޅުން ގާއިމްކުރީ ސަރުކާރު މޮޅުވެގެންނެއް ނޫނެވެ. ސައުދީގެ ސިޔާސަތު ބަދަލުވެ، ގަތަރާ އެކު އަލުން ކުރިއަށް ދާން ނިންމީމަ އެވެ. އެކަމަކު އެފަދަ ގޮތަކަށް މެދުއިރުމަތީގެ ސުންނީ އެހެން ގައުމުތަކުން އީރާނާ އެކު ދުއްވައެއް ނުގަންނާނެ އެވެ. އެ މަންޒަރެއް ނުފެނެ އެވެ. އެހެންކަމުން ރާއްޖެއަށް އީރާނާ ސިޔާސީ ގުޅުން ގާއިމްކުރުމަކީ، އާންމު މީހާއަށް ހީވާ ވަރަށް ވުރެ މާ އުނދަގޫ، ބޮޑު ކަމެކެވެ.

ގަތަރުގެ މައްސަލައަކީ ރާއްޖޭގެ ސަރުކާރަށް ވެސް، އަދި ސިޔާސީ އެކި ފިކުރުގެ އާންމުންނަށް ވެސް ލިބުނު ފިލާވަޅެކެވެ. ހަގީގަތުގައި ދުނިޔޭގެ ހާރިޖީ ސިޔާސަތާއި ބޮޑެތި ގައުމުތަކުން ދޭދޭ އެހެން ގައުމުތަކާ އެކު ބާއްވާ ގުޅުންތައް ވަރަށް ތަފާތެވެ. އަދި އޭގެ އަސަރުކުރާާ ގޮތް ވެސް ތަފާތެވެ. އެހެންކަމުން ރާއްޖެ އަށް މުހިންމީ، ހާރިޖީ ދާއިރާގެ ބައެއް މީހުން ބުނާ ގޮތުގައި، އެއްވެސް ބައެއްގެ "މުށުތެރެއަށް ނުވަދެ" ކުރިއަށް ދެވޭނެ ގޮތެކެވެ. އިންޑިއާ އާއި ޗައިނާ އަދި ސައުދީ އަރަބިއްޔާއާ އެކު ވެސް، ކައިރި ގުޅުންތައް ބާއްވަންވީ އެވެ. އެކަމަކު ޗައިނާއާ ކައިރިވާން އިންޑިއާ މުޅިން ދޫކޮށްލާފައި ނުވަތަ އިންޑިއާއާ ގާތްވެލަން ޗައިނާގެ މަތިން ހަނދާން ނައްތާލުން ފަދަ ކަންކަމާ ދުރުވާންވީ އެވެ.

11 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއްދޫމީހާ

14 January 2021

އިބްރާހިމް ޕޯޑިއަމް ތަކުގާ ކަރާފެޅީ، ޔާމީން އެއްމެ ރަނގަޅަ ކުރި ކަންތަކަކީ އިންޑިޔާ ދުރުވުން، އަދި ކޮމެންވެލްތާ ގުޅުން ކަންޑާލުން،

The name is already taken The name is available. Register?

ޢާދިލްހ

13 January 2021

މުންދުގެ ބަހެއް ލެެއްވިއިރު ސަރުކާރުގެ ނުވަތަ އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާ ބެހޭ އިސް އޮފިޝަލެއްގެ ބަސް ނެތްކަމީ ދެރަވަރުކަމެއް

The name is already taken The name is available. Register?

އަބުދުލް ޤާދިރު

13 January 2021

އެމް. ޑީ. ޕީ ގަ އެފަދަ އޮފިސަލަކު އެބަހުރިތަ

The name is already taken The name is available. Register?

2 ހަމަ

13 January 2021

ވެރިކަމަށް އަންނަންވެގެން އިރާނާ ގުޅުން ގާއިމުކުރާނަމޭ ބުނީ އެއްވެސް އޮއްޓަރެއް ނެތްގޮތަށް. ވޯޓް ހޯދަން ހޮޅި ވާހަކައެއް ދެއްކީ. ވެރިކަމަށް އެރުމަށްފަހު ރައްޔިތުން އެކަމުގެ މަތިން ހަނދާންނެތޭނެކަމަށް ނޫނީ އަޅާނުލާނެ ކަމަށް ހީކުރީ. އެއްބަޔަކު ވެރިކަމަށް އެރީމަ ބައެއް ގައުމުތަކާ ސިޔާސީގުޅުން ގާއިމުކުރުމަކީ "ވަރަށް ނާޒުކު" ކަމަކަށްވަނީ. އެހެން މީހުން ވެރިކަމުގަ ތިބޭއިރު ނުބައިކަމުން ކުރާ ކަންކަންކަމަށް ހަމަ އެކަންވަނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

13 January 2021

އެމްޑީޕީ ސަރުކާރައް ބާކީ އޮތީ 2އަހަރު. ރައިސް ޔާމިން ކުރިކަންތައް އަދިވެސް ތަރަގީ ފެންނަނީ.

The name is already taken The name is available. Register?

ޑީ-ފެބްރިކޭޓަރ

20 January 2021

ކޮން ބާކީއެކޭ ކިޔާކަށް؟ ކަލޭމެންގެ ވެރިކަމުގައި ދޯ ބުނީ ގިޔާމަތާޖެހެންދެންވެސް އޮންނާނީ ޔާމީނުގެ ވެރިކަމޭ؟ ހޮޅިވާހަކަ ނުދައްކާ!!

The name is already taken The name is available. Register?

މަށއ

13 January 2021

ސިނާން ފޯން ސަފާރީ

The name is already taken The name is available. Register?

އިސްމާލި

13 January 2021

މުންދު އަށް ނޭންގުނަސް އިރާނާއިއެކު އޮތް "ކިރިޔާ އަތް ފޯރާ ފަށުގައި" އޮތް ސިޔާސީ ގުޅުން، މުންދުމެން ސަރުކާރުގައި އެއްކޮށް ކަނޑާލި ގުޅުމަށްވުރެ މާ ރަނގަޅު. އެއިރަކުވެސް އަދި މިހާރަކުވެސް، އެފަދަ ގުޅުމެއް އޮވެގެން ޕްރެޝަރ އެއް ރާއްޖެއަކަށް ނާންނާނެ. ސައުދީ އުނގުތެރެއަށް ވެއްޓިއޮވެ ގަތަރާއި ގުޅުން ކަނޑާލައި، އަލުން ގުޅުން ގާއިމުކުރުމުން ދުނިޔެއަށް ރާއްޖެ ފެނުނީ ސައުދީގެ ރަންޑި އެއްގެ ގޮތުގައި.

The name is already taken The name is available. Register?

ށަވިޔަނި

13 January 2021

އީރާނާއެކު ގުޅުން ނުބޭއްވެންވީ ސަބަބެއް ނެތެވެ. އީރާކީ ޝިޢީ މަޛްހަނުގެ ގައުމަކަށްވުމަކީ ހުރަހަކަށް ވެގެންނުވާނެއެވެ. ކްރިސްޓިއަނުންނާއި ހިންދީންނާއި ބުޑިސްޓުންނާއި ދީނެއް ގަބޫލު ނުކުރާ މީހުނާއެކު ގުޅުން ބާއްވަނީ ކީއްވެގެން ހެއްޔެވެ؟ އީރާނުގެ ރަސްމީ މަޛްހަބަކީ ސުއްނަތް ޖަމާއަތުގެ މީހުން ދެކޭހޮތުގައި މުސްލިމުންނެވެ.

The name is already taken The name is available. Register?

ޙަލީފާ

13 January 2021

ސައޫދީ އަރަބިއްޔާ-ޔޫއޭއީ އާ އެެކު ރާއްޖެއިން ސިޔާސީ ގުޅުން ދަމަހައްޓާ ކަމަށް ވާނަމަ، ރާއްޖެއިން އީރާނާއި އެކު ވެސް ސިޔާސީ ގުޅުން ދެމެހެއްޓެން ޖެހޭނެ!

The name is already taken The name is available. Register?

1234

13 January 2021

ބެރިކަމުގަ 3 އަހަރު ގައުމަށް ގެނެވުން އެއްވެސް މަންފާއެއް ނެތް. ހުސް ދޮގާ މަކަރާ އޮޅުވާލުންތަކާއެކު ވެރިކަން ހޯދުން ފިޔަވާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!