ދުނިޔެ އަށް ރާއްޖޭގެ ގޮވާލުން: ތަރައްގީ ވަޒަން ކުރަނީ އިންސާފަކުން ނޫން، ގާބިލުކަމަށް ބަލާ!

ކުދި ގައުމުތަކުގެ އިގްތިސާދުގައި ހުންނަ ބަލިކަށި ކަމަށް ބަލައިގެން ތަރައްގީ ވަޒަން ކުރުމަކީ އިންސާފެއް ނޫން ކަމަށާއި އެެހެންވެ އެ ގައުމެއްގެ ގާބިލުކަމަށް ބަލަން ރާއްޖޭން ރޭ ދުނިޔެ އަށް ގޮވާލައިފި އެވެ.


މިހާރު ކުރިއަށް ދާ އދ.ގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ މިންވަރު ވަޒަން ކުރަން މިހާރު ގެންގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކުދި ގައުމުތަކަށް އިންސާފުވެރިއެއް ނޫނެވެ. ގައުމުތަކުގެ އިގްތިސާދުގައި ހުންނަ ބަލިކަށިކަމަށް މިހާރު ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިމް ވިދާޅުވި ގޮތުގައި އެހެން ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާން އަބަދު ވެސް ރާއްޖެ އަށް ވަނީ ޖެހިފަ އެވެ. އެއީ ބަދަލު ނުކުރެވޭނެ ހަގީގަތަކަށް ވާއިރު، އިގްތިސާދީ އަދި ތިމާވެށީގެ ރޮނގުން ދުނިޔެ އަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެ އަށް ވަރަށް ބޮޑަށް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްގީގެ ކުރިއެރުންތައް ނެތިކޮށްލާ،" އާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ތަރައްގީ ހާސިލްކުރުން ބޭނުންވާ ބަނދަރުތަކާއި އެއާޕޯޓުތަކާ އެ ނޫން ވެސް އިންފްރަސްޓްރަކްޗާ ވަސީލަތްތައް ތަރައްގީ ކުރަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު، އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން މެދު މިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވުމާ އެކު، ކުރިން ލިބުނު އިނާޔަތްތައް މިހާރު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެހާ ފަސޭހަ އިން ލިބޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން މަސައްކަތް ކުރަނީ، އާސިމް ފާހަގަކުރެއްވި ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރާށެވެ. ރާއްޖޭން އިންވެސްޓް ކުރަނީ ރައްޔިތުންގެ ހާލަތު ކުރިއަރުވަން ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ގޮތުން ކޮށްފައިވާ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ހެޔޮ އަގެއްގައި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމާއި ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމްކުރުމާއި ކޮންމެ އަތޮޅެއްގައި ސީ އެމްބިއުލެންސްގެ ހިދުމަތް ދިނުން ހިމެނެ އެވެ. އަދި ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމުގެ އިތުރަށް އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ބާރުވެރިކުރުން ވެސް އެ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.

ތަރައްގީ ވަޒަންކުރުމުގައި ފަގީރުކަން އޮންނަ މިންވަރާއި ގައުމީ އުފެއްދުންތެރިކަން އަދި ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތާއި އާމްދަނީ ބެހިފައިވާ ގޮތަށް އދ. އިން ބަލަ އެވެ. މީގެ އިތުރުން ބަލާ ކަންކަމުގެ ތެރޭގައި ތައުލީމު ހޯދުމުގެ ފުރުސަތު އޮންނަ ވަރާއި ސިއްހީ ހިދުމަތްތަކާއި އިޖުތިމާއީ ރައްކާތެރިކަމުގެ ހާލަތު ވެސް ހިމެނެ އެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ ނަގައި މެދު މިނުގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ހިމެނީ ޖެނުއަރީ 1، 2011 ގަ އެވެ. ތަަރައްގީގެ ދެވަނަ ދަރަޖަ އަށް މިހާތަނަށް ދެވުނު ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުއިރު، ކުރިން ލިބުނު އެހީތަކާއި އިނާޔަތްތައް މިހާރު ރާއްޖެއަކަށް ނުލިބެ އެވެ.