ޖިންސީ ފުރައްސާރައިގެ މައްސަަލައެއްގައި، ޕޮލިސް މީޑީއާ ގްރޫޕުން ޗެނަލް 13 ގެ ނޫސްވެރިއަކު ބޭރުކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތުހުމަތަށް، ޗެނަލް 13 ގެ ނޫސްވެރިއަކު ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕުން މިއަދު ބޭރުކޮށްފި އެވެ.


ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ، ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަން ހަދާފައިވާ ޕޮލިސް މީޑިއާގެ ވަޓްސްއެޕް ގްރޫޕުން ޗެނަލް13 ގެ ނޫސްވެރިޔާ ބޭރުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އިޒްމިއާ ހާމައެއް ނުކުރައްވަ އެވެ.

އިޒްމިއާ ވިދާޅުވި ގޮތުގައި، ވަޓްސްއެޕް ގުރޫޕުން އެ ނޫސްވެރިޔާ ބޭރުކުރުމުގެ ކުރިން، ޗެނަލް13 ގެ އިސްބޭފުޅުންނާ ބައްދަލުކުރަން ވެސް ފުލުހުން މަސައްކަތް ކުރި އެވެ މި މައްސަލައާ ގުޅޭ ގޮތުން ޗެނަލް 13 ގެ އިސްވެރިންނާ ބައްދަލު ކުރައްވަން ފުލުހުން މަސައްކަތްކުރި ކަމަށް އިޒްމިއާ ވިދާޅުވި އެވެ.

"ނަމަވެސް ބައްދަލުވުމަށް އެދުނު ފަރާތް ވަޑައިގެންފައި ނުވޭ،" އޭނާ ވިދާޅުވި އެވެ.

ޗެނަލް13ގެ ނޫސްވެރިޔާ، ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން ބޭރުކުރި ނަމަވެސް އެ ސްޓޭޝަންގެ އެހެން މުވައްޒަފެއް އެ ގްރޫޕުގައި އަދި ވެސް ހުންނަ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.

"އަދި ގްރޫޕުގައި ނެތަސް ޕޮލިސް މީޑިއާ އަށް ގުޅުއްވުމުން ބޭނުންފުޅުވާ މައުލޫމާތު ހުރިހާ މީޑިއާތަކަކަށް ވެސް ލިބިވަޑައިގަންނަވާނެ،" އިޒްމިއާ ވިދާޅުވި އެވެ.