ޓްރާންސްޕޯޓުގެ ބައެއް މުވައްޒަފުންނަށް ނޯޓިސް ދިން މައްސަލަ ބަލަނީ

ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިން މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން ބަލަން މިއަދު އެޖެންޑާކޮށްފި އެވެ.


މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރަން ނިންމީ ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފުން ފޮނުވި ސިޓީތަކެވެ.

ކޮމިޓީ ބައްދަލުވުން ބޭއްވުމަށް އެޖެންޑާކޮށްފައި ވަނީ މިއަދު 2:30 އަށެވެ.

ޓްރާންސްޕޯޓުގެ މުވައްޒަފުންތަކެއް ވަކިކުރަން ނޯޓިސް ދީފައި ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފަރުވާކުޑަ ކުރާ މުވައްޒަފުންނާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވުމުން އެކަމުގެ ޕްރެޝަރު އޭނާ އަށް ބޮޑުވެފައި ވަނިކޮށެވެ.

ޓްރާންްސްޕޯޓުން ކުރިން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގައި ކަމަށެވެ. ނޯޓިސް ފޮނުވީ ކިހާ މުވައްޒަފުންނަކަށް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ނަހުލާ ވިދާޅުވެފައި ވަނީ، ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަަމަށެވެ. ޓްރާންސްޕޯޓުގައި ގިނައީ ވަރަށް "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން" ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާސްޕޯޓް އޮތޯރިޓީ އަކީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޚިދުމަތް ހޯދަން އެންމެ އުނދަގޫ އެއް އިދާރާކަމުގެ ޝަކުވާ ބޮޑެވެ. ސަރުކާރުގެ އެހެން އިދާރާތަކުގެ ހިދުމަތްތަކަށް ފަސޭހަ ބަދަލުތަކެއް އައި ކަމުގައި ވިއަސް ޓްރާންސްޕޯޓަށް ޒަމާނީ ބަދަލު ނާންނަ ކަމުގެ ހިތްހަމަނުޖެހުން ވެސް ބޮޑެވެ. އެކަމަކު އެކަން ހައްލުކުރަން ފަށައި މިހާރު ވަނީ ބައެއް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެތެރޭގައި ބައެއް ޚިދުމަތްތަކަށް އޮންލައިން މެދުވެރިކޮށް އެދުން ހިމެނެ އެވެ.

މުވައްޒަފުންތަކަކަށް ނޯޓިސް މި ދިނީ، ނުހައްގުން ވަޒީފާ އިން ވަކިކުރަން އުޅޭ ކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން ހިތްހަމަނުޖެހި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނަށް ވެސް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.