ސިޔާސީ މަސްރަހަށް "ބަދަލެއް" ގެނައުމުގެ ބައްދަލުވުމެއް ލަންޑަންގައި ބާއްވަނީ

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބޮޑު ބައްދަލުވުމެއް ލަންޑަންގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ލަންޑަންގައި މިވަގުތު ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމަށް އަދަލާތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އިއްޔެ ވަނީ ލަންޑަނަށް ފުރާވަޑައިގެންފަ އެވެ.

އާޒިމް (ކ) އާއި އަލީ ޒާހިރު (މ) އަދި މަހްލޫފް ލަންޑަނަށް ފުރަން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި.

އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހަށް "ބަދަލެއް ގެނައުމަށް" ބާއްވާ މި ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ނިންމާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

"އިދިކޮޅު ސިޔާސީ ހުރިހާ ބޭފުޅުން އެއް ތަނަކުން ބައްދަލުކުރާއިރު މުހިއްމު ކަންތައްތަކެއް ނިމޭނެ، އޭގެ ތަފްސީލް ފަހުން އާއްމުކުރާނެ،" އެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިސްރާބު ގޯސްކަމަށް ވިދާޅުވެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ. އަދި ރާއްޖެ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ވެސް ކުރިއަށް ގެންދެ އެވެ.