ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައި އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ހައިލަމަށް އަންގާފައި ވަނީ މާދަމާ ހެނދުނު 8:00 ގައި ޖޭއެސްސީ އަށް ހާޒިރުވުމަށެވެ.

ކްރިމިނަލް ކޯޓުގެ ވައިބަ ގްރޫޕަކަށް ހައިލަމް ފޮނުއްވި މެސެޖު ސޯޝަލް މީޑިއާ އަށް ލީކުވުމާ އެކު ޖޭއެސްސީން މިއަދު ވަނީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފަ އެވެ. ހައިލަމްގެ އެހެން މައްސަލައެއް ވެސް ޖޭއެސްސީން ޖުލައި މަހުން ފެށިގެން ވެސް އަންނަނީ ބަލަމުންނެވެ.

ހައިލަމް ފޮނުއްވި މެސެޖުގެ މައްސަލަ ހޫނުވެ ރައްޔިތުންގެ މަޖިލީހުގައި ވެސް މިއަދު ވަނީ މެންބަރުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހައިލަމްގެ ދިފާއުގައި ވާހަކަ ދައްކައި، އެއީ ފޭކް މެސެޖެއް ކަމަށް ވެސް ސިފަކޮށްފައިވެ އެވެ. އެކަމަކު ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި، އެއީ އޭނާ ފޮނުއްވި މެސެޖެއް ކަމަށާއި އެކަމަކު އެ ފޮނުއްވުނީ އެ ކުރެހުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައިނުގެން ކަމަށް ވިދާޅުވެ މާފަށް އެދިވަޑައިގެންފައިވެ އެވެ.

މާދަމާ ހައިލަމް ޖޭއެސްސީ އަށް ހާޒިރުކުރާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް މާދަމާ މެންދުރު ފަހު 1:00 އަށް ވަނީ ތާވަލްކޮށްފަ އެވެ. އެއީ ހައިލަމް ބައްލަވާ މައްސަލައެކެވެ.