އެމްޑީއެން އުވާލަން ނިންމުމުން އަދާލަތުގެ ޝުކުރު ސަރުކާރަށް

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމުމާ ގުޅިގެން އަދާލަތު ޕާޓީން ސަރުކާރަށް ޝުކުރު އަދާކޮށްފި އެވެ.


ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަދަނީ ޖަމިއްޔާއަށް ސަރުކާރުން ފިޔަވަޅު އެޅީ އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި ކަމަށާއި އެއީ އަދާލަތާއި ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޔަގީންކަން މަތީގައި ދެމި ހުންނެވި ކަމުގެ ހެއްކެއް ކަމަށެވެ.

އެމްޑީއެން އުވާލަން ސަރުކާރުން އިއްޔެ ނިންމީ، ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އެންގުމުންނެވެ. އެމްޑީއެންގެ ރިޕޯޓް އިލްމުވެރިންގެ ޓީމެއް ލައްވައި ފުލުހުން ވަނީ ދިރާސާކޮށްފަ އެވެ.

ޔޫތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރި ކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ވެސް ކަށަވަރުވެ އެވެ.

ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ކިޔައި އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ސަރުކާރާއި ރައީސްގެ ސަމާލުކަމަށް އެ މައްސަލަ އައީއްސުރެ، އެ ޖަމިއްޔާ ސަސްޕެންޑްކޮށް، އެތަނުން ހިންގި ޖަރީމާގެ ތަހުގީގު ފަށައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ނުދޭނެެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިލްމުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް އެ ބޭފުޅުންނާ ބައްދަލު ކުރެއްވީ ވެސް، އެ މަނިކުފާނު އަމިއްލަފުޅަށް އިސް ނަންގަވައިގެން ކަމަށް އަދާލަތުން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި މިއީ 100 ޕަސެންޓް އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާތީ ކަންބޮޑުވާ އެތައް ބަޔަކު، މި ދައުލަތާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ފަށާފައިވާ ދަނޑިވަޅެކެވެ. އަދި ރާއްޖޭން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކުންނާއި ރާއްޖޭގައި ތިބި މަދު އެކަމަކު ނުފޫޒު ގަދަ މަދަދުގާރުން އެ ޖަމިއްޔާގެ ދިފާއުގައި ތިބި ކަމަށާއި އެކަމަކު އެމްޑީއެން އުވާލަން ސަރުކާރުން ނިންމީ، އެއިން ނުފޫޒަކަށް ބެލުމެއް ނެތި ކަމަށް އަދާލަތުން ބުންޏެވެ.

''އެހެންވެ، ފަސް ޖެހުމެއް ނެތި ގާނޫނުގެ ވެރިކަން ދަމަހައްޓައި، ރާއްޖޭގެ ދީން ދިފާއުކުރެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވަމެވެ." އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

އަދާލަތުން ބުނިގޮތުގައި ދިވެހިންނަކީ ޒަމާނުއްސުރެ ދީނަށް ލޯބި ކުރާ އަދި ދީނުގެ ދިފާއުގައި ކޮންމެ ގުރުބާނީއެއް ވެސް ވާން ތިބި ބައެކެވެ. އަދި އެކަން ކުރާނީ ސިޔާސީ ކުލަ އަކަށް، އަތޮޅަކަށް ޖަޒީރާއަކަށް ބެލުމެއް ނެތި ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ ސަސްޕެންޑްކުރި އެވެ. އެކަމަކު އެއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ އިލްމުވެރިންނާއި ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ. މި މައްސަލައިގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ބޭއްވި އެވެ.