ކޯޕަރޭޓް ސްކޮލަޝިޕްގައި އުރީދޫ ބައިވެރިވެއްޖެ

މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ ކޯޕަރޭޓް ސްކޮލަޝިޕްގައި އުރީދޫން ބައިވެރިވެއްޖެ އެވެ.


ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 20 ގައި ތައާރަފުކުރި ސްކޮލަޝިޕްގަައި، މުވާސަލާތީ ހިދުމަތް ދޭ ބައިނަލްއަގްވާމީ ކުންފުނިން ބައިވެރިވެފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެއާ އެކު، އެ ސްކޮލަޝިޕް ސްކީމުގައި ބައިވެރިވި ކުންފުނިތަކުގެ އަދަދު 12 އަށް އެރީ އެވެ.

ކޯޕަރޭޓް ސްކޮލަޝިޕްގައި މިހާތަނަށް ބައިވެރިވެފައިވާ ސަރުކާރުގެ ކުންފުނިތަކަކީ، އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލް އެވެ. އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އެންމެ ފަހުން ބައިވެރިވި އުރީދޫ އެވެ.

މި ސްކީމްގެ ދަށުން، ބޭރުގެ އެކި ޔުނިވާސިޓީތަކުން ރާއްޖެ އަށް ދީފައިވާ ޕާޝަލް ސްކޮލަޝިޕްގެ ބާކީ ބައި، ސަރުކާރުގެ ކުންފުންޏަކުން ސްޕޮންސާ ކޮށްދޭނެ އެވެ. އޭރުުން ފުލީ ފަންޑެޑް ސްކޮލަޝިޕަކަށް އެ ފުރުސަތު ބަދަލުވާނެ އެވެ. ކޯޕަރޭޓް ސްކޮލަޝިޕްގައި މިސާލަކަށް، މެލޭޝިއާގެ ޔުނިވާސިޓީއަކުން ރާއްޖެ އަށް ދީފައި ވަނީ ހަމައެކަނި ޓިއުޝަން ފީ ސްޕޮންސާ ކޮށްފައިވާ ސްކޮލަޝިޕްތަކެއް ނަމަ ދަތުރާއި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލަ އަށެވެ. އެކަމަކު، އެ ދަރިވަރު އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުތައް ކޮންމެވެސް ކުންފުންޏެއް މެދުވެރިކޮށް ކުރެވޭނެ އެވެ.