އަފްރާޝީމްގެ މަރުގެ ރިޕޯޓު މި ހަފުތާގައި އާއްމު ކުރަނީ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މި ހަފުތާ ތެރޭގައި އާއްމު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެ އެވެ.

އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދާފައިވާ ކަމަށް، އެ މަރުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސަށް އަރުވައިފަ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ ރިޕޯޓު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި ކަމާ ގުޅޭ އިދާރާތަކަށް މި ހަފުތާ ތެރޭގައި ރިޕޯޓު ފޮނުއްވާނެ ކަމަށެވެ.

"އަދި އޭގެ މައުލޫމާތު ވެސް އާއްމު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އެ މަރުގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މީގެ ދެ އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަފްސީލީ ރިޕޯޓު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭގެ މައުލޫމާތު ވެސް މި ހަފުތާ ތެރޭގައި އާއްމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ފުލުހުން ނިންމާފައިވަނީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށާއި އޭނާ އެ ކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ އަމިއްލަ އަށް ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ.

ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަ ބެލުމަކީ ވެސް މި ސަރުކާރުން ވެފައިވާ ވައުދެކެވެ. މި ވައުދަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ކަމަށާއި މިހާރު ވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ، މި އަހަރު ނިމުމުގެ ކުރިން އެ ދެ ކޮމިޝަންގެ މަސައްކަތް ވެސް މުޅިން ނިމޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.