ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓުގެ ދޮރަށް ކޯރާޑިއަކުން ގެއްލުން ދީފި

ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުޅުމާލޭގައި ދިރިއުޅުއްވާ ފްލެޓުގެ ދޮރަށް ކޯރާޑިއަކުން ރޭ ގެއްލުން ދީ، ލިއުމެއް ލިއެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.


ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ ރޭ ފަތިހެވެ. ދޮރަށް ގެއްލުން ދޭން ބޭނުންކުރި ކޯރާޑި ވެސް އެޕާޓްމެންޓުގެ ދޮރުމަތީގައި ބާއްވާފައި އޮތް ކަަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓު ހިންގެވުމާ މިދިޔަ ހަފުތާގައި ހަވާލުވި އަލީ ރަޝީދުގެ ގެއަށް ގެއްލުންދީ، ބިރު ދައްކައި އިންޒާރު ދިނުމުގެ މި އަމަލާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެކަމަކު މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ގާޒީ އަލީ ރަޝީދު: އޭނާ އަށް ބިރުދައްކައި އިންޒާރު ދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވި އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކުރުމާ ގުޅިގެން، ޔާމީންގެ މައްސަލަ މިހާރު ބައްލަވަނީ އަލީ ރަޝީދެވެ.

ހައިލަމް ސަސްޕެންޑްކުރީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގުވާ މަންޒަރު އެ ކުރެހުމުން ސިފަވެ އެވެ.

އެއީ، އޮޅިގެން ފޮނުއްވުނު ކުރެހުމެއް ކަމަށް ވިދާޅުވެ، މާފަށް އެދިވަޑައިގަތުމަށް ފަހު އޭނާ ވަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވަން ސަރުކާރުގެ އިސް ބޭފުޅުން އޭނާ އަށް ނުފޫޒު ފޯރުއްވި ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު، ހައިލަމްގެ ތުހުމަތު، ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ ދޮގުކުރައްވައި، އެފަދަ ކަމެއް ސަރުކާރުން ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.