އަލީ ހުސެއިން ނެތުމުން އެންވަޔަރަމަންޓް މިނިސްޓަރާ ސުވާލެއް ނުކުރެވުނު

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރި ނަމަވެސް، ސުވާލުކުރަން ހުށަހެޅުއްވި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވަޑައިގެން ނެތުމުން، ސުވާލުކުރުން ކެންސަލް ކުރަން ޖެހިއްޖެ އެވެ.


އަލީ ހުސެއިން، މިނިސްޓަރު ޑރ. ހުސެއިނާ ސުވާލު ކުރައްވަން އެޖެންޑާ ކުރި ސުވާލަކީ ބ. ކެންދޫ، ބ. ދަރަވަންދޫ އަދި ބ. ކަމަދޫގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތަކަށްވާ އިރު، އެ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައިތޯ ބެއްލެވުމަށެވެ.

އެކަމަކު، ވަގުތު ޖެހުނު އިރު ވެސް މެންބަރު އަލީ ހުސެއިން މަޖިލީހުގެ ތަޅުމަށް ވަޑައެއް ނުގަންނަވަ އެވެ. މެންބަރު މަޖިލީހަށް ވަޑައިގަތްތޯ ބައްލަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ސާޖެންޓް އޮފް އާމްސް މުހައްމަދު ހަލީމްގެ އަރިހުން ވެސް އެދިވަޑައިގަތެވެ.

އަލީ ހުސެއިން ވަޑައިނުގަންނަވާތީ ބ. އަތޮޅުގެ އެހެން މެމްބަރަކަށް އެ ސުވާލު ކުރެވިދާނެތޯ އަމީން އާންމު ފާތުމަތު ނިއުޝާގެ އަރިހުން ނަޝީދު އެއްސެވި އެވެ. އެކަމަކު، އަމީން އާންމު ވިދާޅުވީ އެއީ އެހެން މެމްބަރަކަށް ސުވާލު ނުކުރެއްވޭނެ ކަމަށެވެ.

އަލީ ހުސެއިން ވަޑައިނުގެންނެވި ސަބަބެއް އެނގޭ ގޮތެއް ނުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން. --- ފޮޓޯ: މިހާރު

އެ މައްސަލަ މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތުމުން މިނިސްޓަރު ވެސް މަޖިލިހުގެ ތަޅުމަށް ވަޑައިގެން އިންނެވި އެވެ. އެކަމަކު، ފަހުން މިނިސްޓަރު ނުކުމެވަޑައިގަތީ އެވެ.

"އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މި މަޖިލީހާއި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ރަނުގެ ފުރުސަތެއް ގެއްލިދާ ކަމީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް،" މިނިސްޓަރުގެ ކިބައިން މާފަށް އެދިވަޑައިގެން ނަޝީދު ވިދާޅުވި އެވެ.

މިއީ އެންވަޔަރަމަންޓް މިނިސްޓަރު މަޖިލިހުގެ ތަޅުމަށް ހާޒިރުވެވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ.

އެކި މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ވަޒީރުން ހާޒިރުކޮށް، ސުވާލުކުރަމުންނެވެ. ނަމަވެސް، އާ މަޖިލީހުގައި، ސުވާލު ކުރައްވަން ހަމަޖެހިފައިވާ މެންބަރު މަޖިލީހަށް ވަޑައިނުގަންނަވައިގެން، މިނިސްޓަރަކާ ސުވާލު ނުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.