ފަނޑިޔާރު ޣަނީ ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ. އެކަމަކު، ޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން އުޅޭ ސަބަބު އަދި ސާފެއް ނުވެ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ޖުޑިޝަރީ ކޮމިޓީން ހަމައެކަނި ބަލާނީ ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ އެވެ. އޭގެ ފަހުން، ކޮމިޓީން އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ފޮނުވަން ޖެހޭނެ އެވެ. ޣަނީ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވި އިރު، އޭނާ ވަނީ ގާނޫނުގައި ބުނާ ގޮތަށް، 60 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ރ. އަލިފުއްޓަށް އުފަން ޣަނީ 2000 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީންނެވެ. ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ.

ޣަނީ ވަނީ މީގެ ކުރިން ހައި ކޯޓުގައި އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އާ ރައްޔިތުންގެ މަޖިލިހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ފާސްކުރި ތިން ބޭފުޅުން ކަމަށް ވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އެހެންވެ، ސުޕްރީމް ކޯޓު މިހާރު މި ދަނީ ވަރަށް ބޮޑު ބަދަލަކާ ދިމާލަށެވެ. ފަނޑިޔާރުންގެ ބެންޗު ފުރިހަމަކުރުމަށް އަލަށް ހަތަރު ފަނޑިޔާރުން އައްޔަންކުރާނެތީ އެވެ.