އަނދިރި ދައުލަތެއް ފުލުހުންގެ ތެރެއަކު ނެތް: ކޮމިޝަނަރު

ހަރުކަށި ފިކުރަށް ވާގިވެރިވެ، ހަރަކާތްތަކެއް ހިންގާ "އަނދިރި ދައުލަތެއް" ފުލުހުންގެ ތެރޭގައި ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ފިކުރަށް ނިސްބަތްކުރަމުން އަންނަ "އަނދިރި ދައުލަތަ"ށް ފުލުހުންގެ ތެރެއިން ބަޔަކު ލެނބިފައިވާ ކަމަށް ތުހުމަތު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު އިއްޔެ ވިދާޅުވީ ފުލުހުންނާއި ސިފައިން "އަނެއް ފަލްސަފާ" އަށް ލެނބި "އަނދިރި ދައުލަތަށް" ބައިއަތު ހިފާފައިވާ ބަޔަކު އެބަތިބި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މެމްބަރުން ވަނީ، އެ ތުހުމަތާ ގުޅުވައި ޕޮލިސް ކޮމިޝަނަރާ ސުވާލުތަކެއް ކުރައްވައިފަ އެވެ. ޖަވާބުގައި ތަކުރާރުކޮށް ވިދާޅުވީ ފުލުހުންގެ ތެރޭގައި އެފަދަ އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑުގެ ލީޑަޝިޕްގެ ދަށުގައި މިއަދު އޮތް ޕޮލިސް ސާވިސް އަކުންނެއް ހަރުކަށި ފިކުރު، ދީނާ ގުޅުވައިގެން ނަމަވެސް އަނިޔާވެރި އަމަލުތަކަކަށް އަރައިގަނެ އެފަދަ ފިކުރުތަކުގެ ތެރޭގައި ތިބި ބަޔަކަށް ވާގިވެރިވުމާއި އިސްލާމްދީނަށް ތައުހީނުކޮށް އިސްލާމްދީނާ ދެކޮޅުވުން ފަދަ އެއްވެސް ކަމެއްގައި ޝާމިލްވެ، އަމަލީ ގޮތުން ބައިވެރިވެ، ހިތްވަރުދީއެއް ނުހަދާނެ،" --ކޮމިޝަނަރު

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ތެރޭގައި އެފަދަ އެއްވެސް އަމަލެއް ހިނގާކަން މިހާތަނަށް ފާހަގަކުރެވިފައެއް ވެސް ނުވެ އެވެ.

ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް

ކޮމިޝަނަރު ވިދާޅުވީ ދުނިޔޭގައި ލިސްޓުކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ފިކުރަށް ތާއީދުކުރާ ނުވަތަ ގުޅިފައިވާ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. އެއީ ކޮން ބައެއް ކަން، އެ މީހުން ބެހިފައިވާ ގޮތް އަދި ހަރަކާތްތައް ރާވައި ހިންގާ ގޮތް ވެސް ފުލުހުންނަށް ދެެނެގަނެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުން ފުލުހުންނަށް ލިބުނު ބާރުތަކާ އެކު އެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ހަރުކަށި ފިކުރުތަކަށް ނިސްބަތްވާ މީހުންގެ ހަރަކާތްތަކާއި އެ މީހުން ކުށަށް އަރައިގަނެ ރިޕޯޓްކޮށްފައިވާ ތަފާސްހިސާބުތައް ކޮމިޓީއާ ހިއްސާކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ އެފަދަ މައްސަލަތައް ރިޕޯޓްކުރުމާއި ފުލުހުން އަމިއްލަ އަށް އިސް ނަގައިގެން ބަލައި ފިޔަވަޅު އެޅުން މި އަހަރު އިތުރުވެފައިވާ ކަމަށެވެ. އޭގެއިން ދައްކައިދެނީ، ފުލުހުން ކުރާ މަސައްކަތް ބަލައިގަނެ، ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު އުފެދުން ކަމަށް ވިދާޅުވި އެވެ.