ރިޔާސީ ކޮމިޝަނުން ނެރޭ ރިޕޯޓްތަކުން "ވާ ކަމެއް ނެތް" ކަމަށާއި ބޮޑެތި އަދަދުތަކުން ބަދަލު ދެނީ ވަކި ބައެއްގެ މަސްލަހަތުގައި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.
މިހާރުގެ ސަރުކާރުގެ ވެރިންނާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި އެކަމަކު މިހާރު ޔާމީންގެ ހިމާޔަތުގައި އުޅުއްވާ ޑރ. ޖަމީލްގެ ޓްވީޓެއްގައި، ދެ ހަބަރެއްގެ ސުރުޚީ ގެންނަވާ ފާޑުކިއުން އަމާޒުކުރެއްވީ ސަރުކާރަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި "ދައުލަތުގެ ތެރެއިން ފެންނަނީ އަންތަރީސް ވާ ވަރުގެ ދެކޮޅު ނުޖެހޭ ކަންކަމެ"ވެ.
"ބޮޑެތި ކޮމިޝަންތައް ހަދައިގެން ނެރޭ ރިޕޯޓުން ވާ ކަމެއް ނެތް،" ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ބެހޭ ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްތަކަށް އަމާޒުކުރައްވާ ޖަމީލް ވިދާޅުވި އެވެ.
ދެން އޭނާގެ ޓްވީޓްގައި ފާޑުކިއުއްވީ ދީބާޖާއަށް 174 މިލިއަން ރުފިޔާގެ ބަދަލު ދޭން ސަރުކާރުން ނިންމި ނިންމުމަށެވެ. ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި "ބޮޑެތި ބަދަލުތައް ދެނީ އެއް ފަރާތުގެ މަސްލަހަތަށް އެކަނި ބަލައިގެން"ނެވެ.
އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. އޭނާގެ ޝަކުވާއަކަށް ވީ، ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުގެ ރިވިއުއަކަށް ގެންދަވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރިން ވިދާޅުވެފައި އެ ވިސްނުން ބަދަލުކުރެއްވުމުން އެކަމެވެ.
އިއްޔެ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ރިފްއަތު ވިދާޅުވީ ދީބާޖާގެ މައްސަލަ ރިވިއުކޮށްގެން ކާމިޔާބު ނުވާނެ ކަމަށެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ލިއުއްވީ "ރިވިއުކުރަން އެދެން ވެސް ބޭނުން ނުވާ" ކަމަށެވެ.
ޔާމީނުގެ ފުރަތަމަ ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ، ކުރިން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި ޔާމީންގެ އަނިޔާވެރިކަމާއި ހިޔާނާތާ ބެހޭ ގޮތުން، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވެސް ގެންދެވި އެވެ.
ހައްޔަރުކޮށްފާނެތީ އެމަނިކުފާނު ދިރިއުޅުއްވީ އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނަވަ އެވެ. އެނބުރި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުންނެވެ.
އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ މައްޗަށް ކުރާ ދައުވާ އާއި އެ ހިޔާނާތާ ގުޅިގެން ފުލުހުން މިހާރު ވެސް ކުރިއަށް ގެންދާ ތަހުގީގުތަކުގައި އެމަނިކުފާނުގެ ދިފާއުގައި އަމަލީ ގޮތުން ޑރ. ޖަމީލް އުޅުއްވަ އެވެ. އަދި ޔާމީންގެ އިސްތަށިފުޅުގައި އަޅުވާ ތުހުމަތުތައް ގެންދަވަނީ ދޮގުކުރައްވަމުންނެވެ.
މަރު ކޮމިޝަނުން ނެރުނު ދެ ރިޕޯޓްގައި، އިލްމުވެރިޔާ އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި، ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އެ ދެ ރިޕޯޓްގައި ބައެއް މީހުންގެ ނަންތަައް ހިމަނާފައި ވިޔަސް އެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި ބަޔަކާ މެދު ފިޔަވަޅު އަޅަން ކޮމިޝަނުން އެދިފައި ނުވާ ކަމަށް ވެސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގައި ދާދި ފަހުން ވިދާޅުވި އެވެ.