ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް، މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ ސަސްޕެންޑްކޮށްގެން އޭނާގެ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.
ޖޭއެސްސީން ހައިލަމް ސަސްޕެންޑްކުރީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ވައިބަ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހައިލަމް ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ހައިލަމް ކުރައްވާފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވޭ ކަމަށް ބަޔާނުގައިވެ އެވެ.
ޖޭއެސްސީން ބުނީ ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ށ. ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީ އަށް ގަބޫލުކުރެވޭ ކަަމަށެވެ. އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ އެ މައްސަލަތަކާ ހެދި ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
ވައިބާ ގްރޫޕަކަށް ގަންހިންގުވާ ފޮޓޯއެއް ޝެއާ ކުރެއްވުމުގެ އިތުރުން އޭނާ އަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ 200،000ރ. ދެއްވި މައްސަލައެއް ވެސް ޖޭއެސްސީން ބެލި އެވެ. އެކަމުގައި ޖިނާއީ އެއްވެސް ކަމެއް ހިނގާފައި ނޯންނާނެ ކަމަށާއި އަލްހާނަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށް ހައިލަމް ވިދާޅުވެފައިވެ އެވެ.
ހައިލަމް ވިދާޅުވެފައިވާ ގޮތުގައި ޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި އެވެ. އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކަކާ އެކު ޖޭއެސްސީން މައްސަލަ ބަލަން ފެށީ އެ ކަށަވަރުކަން ނުލިބިގެން ކަމުގެ ތުހުމަތު ވެސް ވަނީ ކުރައްވައިފަ އެވެ.
މި މައްސަލަތަކުގައި ހައިލަމް، ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އޭނާ ވަޑައިގެންފައެއް ނުވެ އެވެ.