ހައްގުތައް ކަށަވަރުކޮށްދިނުމުގައި މަޖިލިސް ދެމި އޮންނަން ޖެހޭނެ: ނަޝީދު

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ރައްޔިތުންގެ މަޖިލިސް ދެމިއޮންނަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ ގާނޫނު ނެގެހެއްޓުމުގެ ޒިންމާ އޮތް މުއައްސަސާއެއް ކަމަށެވެ.

"ގާނޫނުތައް ނެގެހެއްޓުމާއި ހައްގުތައް ހިމާޔަތް ކުރާކަން މަޖިލީހުން ކަށަވަރު ކޮށްދޭން ޖެހޭނެ،" ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ޓްވީޓް--

މިހާރު އަމަލުކުރާ އާ ގާނޫނު އަސާސީގައި ގިނަ ހައްގުތަކެއް ކަށަވަރުކޮށްދީފައި ވާއިރު ނަޝީދަކީ މި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުން އަވަސްކުރުމަށް އެންމެ ބޮޑަށް ބާރު އެޅުއްވި އަދި އެކަމުގައި ސަރުކާރުން ވަރަށް ބޮޑަށް ޕްރެޝަރުކުރެއްވި ބޭފުޅެކެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން، ސަރުކާރުގެ އެކި މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުން ވެސް ވަނީ ހައްގުތައް ކަށަވަރުކުރުމުގެ މުހިންމުކަމާއި ކުރިން ހިނގާފައިވާ އިންސާނީ ހައްގުތަކާ ހިލާފް ކަންކަމާ ގުޅޭ ގޮތުން ބަޔާންތައް ނެރެފަ އެވެ.