ރާއްޖެ އައި ތިން ޓޫރިސްޓަކަށް ޒިކާ ޖެހިއްޖެ

ރާއްޖެ އައި ތިން ޓޫރިސްޓަކު ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


އެޗްޕީއޭ އިން ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި ޑިރެކްޓަރު ޑރ. ޝީޒާ އަލީ ވިދާޅުވީ ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 53 އަހަރުގެ ޖަރުމަނު މީހަކަށާއި ސްޕެނިޝް އަދި ފިންލޭންޑުގެ މީހަކަށެވެ. އެމީހުން ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވީ ރާއްޖެއިން ދިޔަ ފަހުންނެވެ.

ޖަރުމަނުގެ ޓޫރިސްޓު މީހާ ރާއްޖެ އައީ މިދިޔަ ޖޫން މަހު އެވެ. ސްޕެނިޝް ޓޫރިސްޓް މީހާ އައީ މިދިޔަ ފެބްރުއަރީ މަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ފިންލެންޑުގެ ޓޫރިސްޓް މީހާ ރާއްޖެ އައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކަމަށާއި މީހުން ދިރިއުޅޭ ރަށެއްގައި އޭނާ ހަ މަސް ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް އެއީ ކޮން ރަށެއްކަން އެޗްޕީއޭއިން ނުބުނެ އެވެ.

އެޗްޕީއޭގެ އެޕިޑަމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ފިންލެންޑު މީހާގެ ގައިން ޒިކާ ވައިރަސް ފެނުމުން، އެކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން މަސައްކަތްތަކެއް ފެށި ކަމަށެވެ. އައިޖީއެމްއެޗުގައި ޒިކާ ވައިރަސް އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

"ރަށްރަށުން ވެސް ޒިކާއަށް ޝައްކު ކުރެވޭ މީހުން ޓެސްޓު ކުރުމަށް ރާވާފައި ވަނީ،" އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިޝަލް ޑރ. ފާތިމަތު ނަޒުލާ ވިދާޅުވީ ޒިކާ ވައިރަސް އިން ރައްކާތެރިވުމަށް ވެސް ކުރަންޖެހޭ މަސައްކަތްތަކަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުން ކަމަށެވެ. އޭނާ ވިދާޅުވީ ރަށްރަށުގައި މިހާރު ވެސް މަދިރި އުފެދޭ ތަންތަން ނައްތާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖިންސީ ގުޅުމުގެ ސަބަބުން ވެސް ޒިކާ ވައިރަސް ޖެހޭ ކަމަށް ފަހުގެ ތަހުލީލުތަކުން ދައްކާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެލޭރިއާ އަދި ފައިލޭރިޔާ ވެސް ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނިންމާފައިވާ ކަމަށާއި އެ ދެ ބައްޔަކީ ވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ޒިކާ ވައިރަސް ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"އާއްމު ރައްޔިތުންގެ އެއްބާރުލުމާއި ގިނަ މަސައްކަތްތަކެއް ކުރެވިގެން މިކަން ހާސިލްވީ. ޑެންގީ އާއި ޒިކާ އަދި މަދިރީގެ ޒަރިއްޔާއިން ޖެހޭ އެހެން ބަލިތަކުން ސަލާމަތްވާން އަޅުގަނޑުމެން ބޭނުންވޭ އާއްމު ފަރާތްތަކުގެ ސަޕޯޓް. މަދިރި ކޮންްޓްރޯލް ކުރަން ކުރަންޖެހޭ ކަންކަމަކީ އާއްމު ފަރާތްތަކުން އަދި ޖަމާއަތުގެ ފެންވަރުގައި ވެސް ކުރަންޖެހޭ ކަންކަން،" ނަޒްލާ ވިދާޅުވި އެވެ.

ޒިކާ ވައިރަސް އަކީ ޑެންގީ ވައިރަސްއާ އެއް އާއިލާއެއްގެ ވައިރަސް އެކެވެ. މި ބަލީގެ ވައިރަސް ފެތުރެނީ ޑެންގީ ފަތުރާ އީޑީސް މަދިރިންނެވެ. އެހެންވެ، މާލެ އާއި އަތޮޅުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް އިތުރު ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލްގަ އެވެ. ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިގެން ފުރަތަމަ ރިޕޯޓްކުރީ މެއި މަހު އެވެ. އެކަމަކު މިހާރު ދަނީ މި ބަލީގެ ކޭސްތައް އިތުރުވަމުންނެވެ.