ޒުވާނުންގެ ދުވަސް، އޮކްޓޫބަރު 22 ވަނަ ދުވަހު ފާހަގަކުރަން ނިންމައިފި

ޒުވާނުންގެ ދުވަސް، އޮކްޓޫބަރު 22 ވަނަ ދުވަހު ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.


އެމަނިކުފާނު އެގޮތަށް ނިންމެވީ، ޒުވާނުންގެ ދުވަސް ފާހަގަކުރާނެ ތާރީހަކާ ގުޅޭގޮތުން ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ. މި ފަހުން ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވި ތާރީހު ކަމުގައިވާ ނޮވެމްބަރު 17ގަ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރަން ނިންމި އޮކްޓޫބަރު 22 ވަނަ ދުވަހަކީ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިޚާބުތަކާއި ވޯޓު ދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަހެވެ.

ކެބިނެޓުގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ، ވޯޓު ދިނުމުގެ ހައްގާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހައްގަކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިއްމު ހައްގެއްކަން ފާހަގަކުރައްވައިފަ އެވެ. އެހެންވެ ޒުވާނުންގެ ދުވަސް ފާހަގަކުރަން އެންމެ އެކަށީގެންވަނީ، ވޯޓުލުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު 18 އަހަރުން މަތީގެ މީހުންނަށް ފަހިވެގެން ދިޔަ ދުވަސްކަމަށް އެ ބޭފުޅުން ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ މާޗް 1، 1992 ގަ އެވެ. އޭގެ ފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓް 12 ވަނަ ދުވަހު ވެސް ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައި ވެ އެވެ.

އަންނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ އޮކްޓޫބަރު 22 ވަނަ ދުވަސް ކަމަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން، އެ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރަން ހާއްސަ ޕްރޮގްރާމްތާކެއް ހިންގަން ވަނީ ނިންމައިފަ އެވެ.