މަސްތުގެ ހާލަތުގައި ހުއްޓައި ފުލުހުން އަތުލައިގަތް، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އިބްރާހިމް ރަޝީދު، މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށް އަދި ވަޒީފާ އަށް ނުނިކުމެ މަޑުކުރަން އެންގީ އޭނާއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އުމުރުން 38 އަހަރުގެ އިބްރާހިމް ރަޝީދު މަސްތުވާތަކެއްޗާ އެކު މިދިޔަ ހުކުރުދުވަހުގެ ރޭ ތިނަދޫން ހައްޔަރުކޮށްގެން، މަގާމުގެ މުއްދަތު ޖަހަން ހައި ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުން އިބްރާހިމް ރަޝީދު މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދޫކޮށްލީ އޭނާ ހައްޔަރުކުރުމުގައި އަމަލުކުރި އިޖުރާއަތުގައި މައްސަލަތަކެއް ހުރުމުންނެވެ.

ފަނޑިޔާރުންނާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެ ހާލަތެެއްގައި ނޫނީ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަނޑިޔާރަކު ނިސްބަތްވާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރެއް ލިބިގެންނެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ތިނަދޫން ހައްޔަރު ކުރި މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ.