ހުކުމް ތަންފީޒު ކުރާ މީހުންގެ އިތުރުން ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކޮށްފައިވާ (ވާނުވާ ޖަހާފައިވާ ގައިދީން) ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފި އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގައިދީންނާ ހަވާލުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ހަވާލުވީ ކިހާ ގައިދީންނަކާ ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ގައިދީންނާ ހަވާލުވާން ފަށާފައި ވަނީ، އެ އިދާރާގެ ދަށުން ހިންގާ ޖަލުތައް ތޮއްޖެހުމުގެ ސަބަބުން އެ ސާވިސް އިން ގައިދީންނާ ހަވާލުވާން އުޒުރު ދެއްކުމަށް ފަހު އެވެ.
ހުކުމް ތަންފީޒުކުރުމަށްޓަކައި ކަރެކްޝަންސްއާ ހަވާލުކުރަންޖެހޭ 50 މީހަކާއި ބަންދުގެ މުއްދަތަށް (ރިމާންޑަށް) ގެންދަންޖެހޭ އަށް މީހަކު ދޫނިދޫ ޖަލުގައި ތިބި ކަމަށް ފުލުހުން ރޭ ބުނެފައި ވެ އެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ އެތައް ބަޔަކު ދޫނިދޫގައި ތިބެން ޖެހުމުން އޭގެ ތެރެއިން ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އިއްޔެ ފެށި އެވެ. ނަމަވެސް ފުލުހުން ފަހުން ބުނެފައި ވަނީ އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވެސް ކާން ފަށާފައިވާ ކަމަށެވެ.