ކާޕެޓާ ގުޅޭގޮތުން ޓްވީޓު ނުކުރެވުނު ނަމައޭ ފަހުން ހިތަށް އެރި: ފިޔާޒް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެ އަށް ގެންދެވި ކަމަށް ބުނާ ކާޕެޓާ ގުޅޭގޮތުން ޓްވީޓް ނުކުރެއްވުނު ނަމައޭ ފަހުން ހިތަށް އެރި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ މިހެން ވިދާޅުވީ، މިނިސްޓަރު ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުން ހަދިޔާކުރި ކާޕެޓް ގެ އަށް ގެންދެވި ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އެ ކާޕެޓް ފޮރިން މިނިސްޓްރީގެ ގުދަނުގައި އެބައޮތް ކަމަށް ވިދާޅުވެ، ޝާހިދުގެ ދިފާއުގައި ފިޔާޒް ޓުވީޓު ކުރެއްވި މައްސަލައިގައި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓުވީޓާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ފިޔާޒް ވިދާޅުވީ، ފޮރިން މިނިސްޓްރީ އަށް ވަޑައިގަތީ ހިންގަން ނިންމާފައިވާ ޕްރޮގްރާމްތަކަށް ބޭރުގެ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ކަމަށެވެ.

އެ މަޝްވަރާތަކުގެ ތެރޭގައި ކާޕެޓާ ގުޅޭ ވާހަކަ ވެސް އައި ކަމަށާއި އޭނާގެ ގައިގައި އަދި ވެސް ހިނގަނީ ނޫސްވެރިކަމުގެ ލެއަށް ވުމުން، ކާޕެޓުގެ ވާހަކަ ރައްޔިތުންނަށް ސާފުުކޮށްދިނީ ކަމަށް ވިދާޅުވި އެވެ.

އެއީ ވަކި މީހަކު ދިފާއު ކުރުމަށް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޝާހިދު ގެއަށް ގެންދެވި ކަމަށް ތުހުމަތު ކުރި ކާޕެޓް އޮތްތޯ، ބެލިއިރު ފޮރިން މިނިސްޓްރީގެ ގުދަނުގައި އޭތި އެބައޮތް ކަމަށެވެ. އެ ޓްވީޓާ ގުޅިގެން އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެއް ބަޔަކު ކުރި ޓްވީޓުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ ޒިންމާ އަކީ އެފަދަ މައްސަލަތައް ބެލުންތޯ ސުވާލު ކޮށްފައި ވެ އެވެ. އަދި ޒިންމާދާރު ކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވެސް ފިޔާޒަށް ގޮވައިލި އެވެ.

"ބައެއް ބޭފުޅުން ގުޅުމުން ބުނިން އެ ޒިންމާ އަދާކުރި ނަމަ އަޅުގަނޑު އެ ޓްވީޓް ކުރާކަށް ނުޖެހުނީހޭ. އެއީ ބަހަނާއެއް ވެސް ނޫން. ގައުމުގެ މާ ބޮޑެތި މީހުން އެކަމަށް ފާޑުކިޔާފައެއް ނެތް. ޕާޓީތަކުން ވެސް ނެތް. އެކަމަކު އަޅުގަނޑު މިހާރު ހިތަށް އަރާ އެ އައި ފާޑުކިޔުންތަކާ އެކުގައި އެކަން ނުކުރެވުނު ނަމަ [ޝާހިދުގެ ދިފާއުގައި ޓުވީޓު ކުރުން] މާ ރަނގަޅޭ،" ފިޔާޒް ވިދާޅުވި އެވެ.

"އެކަމަކު އަދި ވެސް ނޫސްވެރިންގެ ޒިންމާ އަދައެއް ނުކުރޭ."

އޮކްޓޫބަރު 31، 2019 ގައި އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރެއްވި ފިޔާޒު ވިދާޅުވީ މަގާމުގެ ކުރީކޮޅު އެފަދަ ކަމެއް ދިމާވުމަކީ އިތުރަށް ސަމާލުވާން ލިބުނު ފިލާވަޅެއް ކަމަށެވެ.

ޝާހިދު، މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުން ހަދިޔާއަކަށް ދިން ކާޕެޓް އޭނާގެ ގެއަށް ގެންދެވި ކަމަށް އަޑުފެތުރު ނަމަވެސް އެ ވާހަކަ ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.