ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން ޒިކާ އަށް ޓެސްޓްކުރަނީ

ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން ޒިކާ އަށް ޓެސްޓްކުރަން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.


އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ޓެސްޓު ފެށީ، މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ހުމެއް ކަމަށްވާ ޒިކާ ވައިރަސް އިންފެކްޝަން ރާއްޖޭގައި އުޅޭ މިންވަރު ދެނެގަންނަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިއަށް ގެންދާ ސާވައިލަންސް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

އުފެދުމުގައި އައިބު ހުންނަ ކުދިންގެ މިންވަރު އިތުރުވަމުންދޭތޯ ވެސް މި ޕްރޮގްރާމްގެ ދަށުން ބަލާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެހެންވެ، ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މާބަނޑު މީހުން ވެސް ޒިކާ އަށް ޓެސްޓްކުރާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މާބަނޑު މީހުން މި ބަލި ޖެހުމުން ބަނޑުގައިވާ ދަރިފުޅު އުފެދުމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރޭތޯ ބަލާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޒިކާ ޖެހުމުން ވަކި ހާއްސަ އަލާމާތެއް ފެންނާކަށް ނުހުރެ އެވެ. އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިން ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުމާއި ގައިގައި ރިއްސުމާއި ބޮލުގައި އަދި ގަައިގެ ހުޅުތަކުގައި ރިއްސުން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ވެސް ބުންޏެވެ.

ޒިކާ އިން ރައްކާތެރިވާން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ރާއްޖެ އައި ތިން ޓޫރިސްޓަކު ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެކަމަކު ޖަރުމަނު މީހަކަށާއި ސްޕެނިޝް އަދި ފިންލޭންޑުގެ މީހަކު ޒިކާ ވައިރަސް އަށް ޕޮޒިޓިވް ވީ ރާއްޖެއިން ދިޔަ ފަހުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ޒިކާ ވައިރަސް އަކީ ޑެންގީ ވައިރަސްއާ އެއް އާއިލާއެއްގެ ވައިރަސް އެކެވެ. މި ބަލީގެ ވައިރަސް ފެތުރެނީ ޑެންގީ ފަތުރާ އީޑީސް މަދިރިންނެވެ. އެހެންވެ، މާލެ އާއި އަތޮޅުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް އިތުރު ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލްގަ އެވެ. އެކަމަކު މިހާރު ގާތްގަނޑަކަށް 70 ގައުމުގައި މި ބަލި ދަނީ ފެތުރެމުންނެވެ.