މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާވާން ޖެހޭ: އިމްރާން

ޓޫރިޒަމް ދާއިރާގެ ފުރިހަމަ މަންފާ ރާއްޖެ އަށް ލިބުމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު މިހާރަށް ވުރެ ހަރުދަނާވުން ކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.


މުވައްޒަފުންގެ ސާވިސް ޗާޖާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ބޮޑު ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް، އޭނާ ދިފާއުކުރައްވައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖެ އަށް ލިބުމަށްޓަކައި އެންމެ މުހިއްމު ކަމަކީ އެ ދާއިރާގެ އާމްދަނީ ގިނަ ބަޔަކަށް ބެހިގެން ދިއުން ކަމަށެވެ. އެކަމުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖް މިހާރަށްވުރެ ހަރުދަނާވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެއީ ހަގީގަތެއް ނަމަވެސް ސާވިސް ޗާޖު ދަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާ މެދު ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ވެސް ގޮވާފައިވެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާ ގުޅޭގޮތުން އަލީ ވަހީދު ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގަންނަވާކަމަށެވެ.

"ސިޔާސީ މައިދާނުގައި އެމަނިކުފާނާ އެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާއްމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު އެމަނިކުފާނު ނަގަހައްޓަވާނެކަން އެނގޭ،" އިމްރާންގެ ޓްވީޓުގައިވެ އެވެ.

އަލީ ވަހީދުގެ ދިފާއުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިކުމެވަޑައިގެންފަ އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހު ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަމަށެވެ. އަދި އަލީ ވަހީދަށް އިތުބާރުކުރައްވާ ކަމަށް ނަޝީދުގެ ޓްވީޓުގައިވެ އެވެ.