އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ބ. އޭދަފުށީ މުސްތަރީގޭ ނަސްރުﷲ.
04 ޖެނުއަރީ 2020 - 11:22
ކަނޑުމަތީގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ނަސްރުﷲ އަބްދުﷲ، 41، ކަނޑަށް ވެއްޓުނީ ލޯންޗުން އޭނާގެ ގައިގައި ޖެހުމުން ކަމަށް ބެލެވޭ ކަމަށް ބ. ދަރަވަންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.
ބ. ދޮންފަނު ކައިރީގައި، އެ އެކްސިޑެންޓު ހިނގީ ދަރަވަންދޫން މަހަށް ނުކުތް ކުޑަ ޑިންގީ އާއި އެ އަތޮޅު އޭދަފުށިން ދަރަވަންދު އަށް ދަތުރުކުރި ލޯންޗެއް ޖެހިގެންނެވެ. ގެއްލިގެން ހޯދަމުން އަންނަ އޭދަފުށީ މުސްތަރީގޭ ނަސްރުﷲ އިނީ ޑިންގީގަ އެވެ.
ޑިންގީގައި ދެން ތިބީ އޭނާގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަޒީފެވެ. ލޯންޗްގައި ތިބީ ކެޕްޓަނާއި ކުރޫ އެކެވެ. އެކްސިޑެންޓްގައި އެ އެންމެނަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. އެންމެ ސީރިއަސް އަނިޔާއެއް ވި ލޯންޗުގެ ކެޕްޓަން މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
ޑިންގީގައި ތިބި މީހުންނާ ހަވާލާދީ ދަރަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު މިއަދު ވިދާޅުވީ ލޯންޗެއް އަންނަ ކަން އެ މީހުންނަށް އެނގުނީ 50 ފޫޓަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ.
"ފަންސާސް ފޫޓަކީ އެހާ ބާރަށް ދުއްވާފައި ދާއިރު ވަރަށް ކައިރި. ފެނުނީ އެހާ ކައިރި ވެފައި ވަނިކޮށް ކަމަށް ވަނީ. ޑިންގީ ދުއްވަން އިން ސާމީ މަސައްކަތް ކުރި ކަމަށް ވަނީ އަނބުރާލަން ވެސް. އެކަމަކު އެހާ ކައިރި ވީމަ އެކަން ނުކުރެވުނީ ކަމަށް ބުނަނީ،" އަލީ ވިދާޅުވި އެވެ.
ނަސްރުﷲ ގެއްލުނީ މި ޑިންގީގައި މަހަށް ނުކުމެ އުޅެނިކޮށް. ޑިންގީ ވެސް ވަނީ އަޑިއަށް ގޮސްފައި.
އަލީ ވިދާޅުވި ގޮތުގައި ލޯންޗުން ޖެހުނީ ޑިންގީގެ ފަހަތުގަ އެވެ. އޭރު ނަސްރުﷲ އިނީ ޑިންގީގެ ފަހަތުގައި ކަމަށް އޭގައި ތިބި މީހުންނާ ހަވާލާދީ އަލީ ވިދާޅުވި އެވެ.
"އެ މީހުންގެ ވާހަކައިން ހީވަނީ ލޯންޗު ނަސްރު ގައިގައި ޖެހުނީއޭ. ޖެހި ކަމެއް ވިއްޔޭ. އެކަމަކު އަޅުގަނޑުމެން ވެސް އުއްމީދުކުރަނީ ނަސްރު ހެޔޮ ހާލުގައި ހުއްޓާ ފެންނާނެ ކަމަށް،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކްސިޑެންޓުގައި ނަސްރުﷲ ކަނޑަށް ވެއްޓުނު ފަހުން އެންމެ ފަހަރަކު ވެސް ނުފެންނަ ކަމަށް ޑިންގީގައި ތިބި މީހުން ބުނެ އެވެ.
ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ސިފައިން އަންނަނީ ނަސްރުﷲ ހޯދަމުންނެވެ. އެކަމަކު މިހާތަނަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެ އެވެ.
އެކްސިޑެންޓު ހިނގިތާ ގިނަ އިރުތަކެއް ނުވެ ޑިންގީ ވަނީ ދެ ފަޅިވެ އަޑިއަށް ގޮސްފަ އެވެ.
އެކްސިޑެންޓް ހިނގުމާ އެކު ލޯންޗްގެ ކެޕްޓަން އެ ކުންފުނީގެ އެހެން ލޯންޗަކަށް ގުޅި ކަމަށާއި މީހުން ސަލާމަތް ކުރީ އޭރު ދަރަވަންދޫގައި އޮތް އެ ލޯންޗުން ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާދިސާ ހިނގިއިރު ލޯންޗާއި ޑިންގީގައި ވެސް ނެވިގޭޝަން ލައިޓް ދިއްލާފައިވެ އެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނަ ރިސޯޓްތަކެއް އޮންނަ ސަރަހައްދަކަށް ވުމުން އަލި ފާހަގަ ކުރަން ދަތިތަކަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިސިން
05 January 2020
ފިސިން ލައިޓް ޖެއްސުން މުހިއްމު. ގަވައިދު ބަދަލު ކުރޭ.ނެވިގޭސަނާ އެއްކޮން ފިސިން ލައިޓް ޖައްސާ ގޮތައް
ޝެލަރީ
04 January 2020
ކީއްވެތޯ އެމްއެންޑީއެފް އާއި ދުސިތުތާނީ ޑައިވަރުންގެ ވާހަކަ އާއިގޮތައް އަވޭލާ ގެސްޓް ހައުސް އާއި ބުލޫވޯލްޑް ދަރަވަންދޫ ޑައިވަރުންގެ ވާހަކަ ފާހަގަ ކޮށްނުލެވުނީ ލަދުންތޯ؟ފުރަތަމަ ރޭ ޑައިވް ކުރީ ޖުމްލަ 9 ޑައިވަރުން އެއީ އަވޭލާ 3 ބުލޫވޯލްޑް 2 ދުސިތު 2 އެމްއެންޑީއެފް 2 ޑައިވަރުން މީ ހަގީގަތަކީ ދެއްތޯ؟
ބަންބަން
04 January 2020
މިލިޔުންކޮޅުން އާތަޖުރިބާއެއް އެބަކުރެވޭ ފިހާރަތަކުގަ ދިއްލީމަ އަލިނުފެންނަ ނެވިގޭސަން ހުންނަކަން މިފަދައެއްޗެތި އެބަޖެހޭ ވިއްކުން ހުއްޓުވަން
ކޮމާ
04 January 2020
ނެވިގޭޝަން ޑިންގީގައި ދިއްލާފައި ހުރިނަމަ، ދުއްވާފައި އައި ލޯންޗުގައި ތިބި މީހުނަށް ފެންނާނެ. ނެވިގޭޝާން އައްޔަކީ ރިޒޯޓްފަހަރާއި ރަށްރަށުގެ އައްޔާއި ތަފާތު އައްޔެއް. ލޯންޗްގައި ތިބޭ ބަޔަކަށް ޑިންގީ ފެނގެ އަލި ފެންނާނީ ޑައަގްނަލްކޮށް. ހޮރިޒޯންކޮށް ރަށުގެ އަލިތެރެއަކުން ނޫން ފެންނާނީކީ. ޑިންގީގެ ނެވިގޭޝަން އަލި އެޅިޖެހިފައި ހުންނާނީ ކަނޑަށް. އެހެންވީމާ ޑިންގީގެ ނެވިގޭޝަނާ ބެހޭގޮތުން ދައްކާ ވާހަކަ ދިމަލެއް ނުވޭ.
ގަ މާރު
04 January 2020
އަޅެ އެހެންވިއްޔާ އެ ޖެހުނު ލޯންޗުގެ ދަށް ބަލަންވީނު. ހަމަ ސްޓަކުވެފަވެސް އޮވެދާނެނު. މަގޭ ގަމާރު ސިކުނޑިއަށް އަންނަ އެއްޗެއް މި.
އާންމުން
04 January 2020
ޑިންގީ ވެރިފަރާތަށް ޖުލު ހުކު މެއް އަންނަން ޖެހޭ، ނެވިގޭގަން ނެތް އެއްޗެއް ރޭގަޑު ދުއްވައިގެންވެސް ނުވާނެ، މީހާ ހޯދަން ދައުލަތުން ކުރާ ހަރަދު ވެރިފަރާތް އަތުން ހޯދަން ޖެހޭނެ
ހަވީރު
04 January 2020
އޭނާ ވިދާޅުވި ގޮތުގައި ހާދިސާ ހިނގިއިރު ލޯންޗާއި ޑިންގީގައި ވެސް ނެވިގޭޝަން ލައިޓް ދިއްލާފައިވެ އެވެ. ނުފެނެތަ؟
ފަލިހާ
04 January 2020
ބޭބޭ ލިޔުން ކިޔާބަލަ.އެއޮތީ ލިޔެފަ ދެ އުޅަނދުގައިވެސް ނެވިގޭޝަން ބަރާބަރަށް ދިއްލާފައޭ ހުރީ..
ވަގުތު
04 January 2020
ޏެވިގޭސަން ދިއްލާފަ ހުރިނަމަ ފެންނާނެ، ކުށުން ރެކެންދައްކާ ވާހަކަ
ކައްޕިތާނު
04 January 2020
ނެވިގޭޝަން ލައިޓް ދިއްލާފައި ހުއްޓަސް އެހާހިސާބުން ޒިއް މާ ނި މުނީ އެއްނޫން. ލުކް އަައުޓު، ސޭފުސްޕީޑް މިއީ ޑުރަ އިވަރުގެ އެން މެ ބޮޑު ޒިން މާ. މާހައުލުގެ ބެކްގްރައުންޑް ލައިޓު ތަކުގެ ސަބަބުން އެހެން އުޅަނދުތަކުގެ ލައިޓުތައް ވަކިކުރަން އުނދަގޫވާނަ މަ ދުއްވަން ޖެހޭނީ ވަރަށް މަޑު މަޑުން. ލޯންޗު ޑްރައިވަރުގެ އިހު މާލު ވަރަށް ބޮޑު މިހާދިސާގައި. ޑިންގީގައި ލައިޓް ހުރުންވެސް މަޖުބޫރު.
ރައްޔިތުމީހާ.
04 January 2020
ނެވިގޭޝަން ލައިޓް ދޭތީގައިވެސް ނުދިއްލާކަމަށް މަޢުލޫމާތު ލިބޭ. އިތުރަށް ކަށަވަރު ކުރެއްވުން ރަނގަޅު.
ސެންޓި
04 January 2020
މމމިވައްތަރު ޑިންގީގަ ކަނޑުއުޅަނދު ފަހަރުގަ ހުންނަ ގޮތަަށް ނެވިގޭޝަން ލައިޓް ނުހުރޭ އާއް މު ކޮށް. ފަހަތުގަ ސިންގަލް ލައިޓެއް އިނދޭ.