ލޯންޗު އެކްސިޑެންޓުގައި ބިދޭސީ މީހާގެ ކަންފަތުން ބައެއް ވަކިވި

ބ. އަތޮޅު ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ބިދޭސީ މީހާގެ ވާތު ކަންފަތުން ބައެއް ވަރަށް ބޮޑަށް ވަކިވި ކަމަށް އެ އަތޮޅު ކައުންސިލުން މިރޭ ބުނެފި އެވެ.


އެ އެކްސިޑެންޓު ހިނގީ ތިން މީހުންނާ އެކު ދަރަވަންދޫން ނުކުތް ޑިންގީ އަކާއި އެ އަތޮޅު އޭދަފުށިން ދަރަވަންދު އަށް ދަތުރުކުރި ލޯންޗެއް ޖެހިގެންނެވެ. ޑިންގީގައި ތިބި މީހުންގެ ތެރެއިން އޭދަފުށީ، މުސްތަރީގޭ ނަސްރުﷲ އަބްދުﷲ 41، ވަނީ އެ އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލިފަ އެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު މިއަދު ވިދާޅުވީ، ލޯންޗުގެ ފަޅުވެރިއަކަށް ހުރި ބަންގްލަދޭޝް މީހާގެ ވާތު ކަންފަތް އެއްކޮށް ކަހަލަ ގޮތަކަށް ވަކިވެފައިވާ ކަމަށެވެ. އެކަމަކު، އެތަން ފަހައި، އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ހާލު ސްޓޭބަލް. ކަންފަތް ވަރަށް ބޮޑަށް ވަކިވި. އިތުރު މާ ބޮޑު އަނިޔާއެއް ނުވޭ،" މަބްރޫކް ވިދާޅުވި އެވެ.

އެކްސިޑެންޓު ވީއިރު، ލޯންޗު ދުއްވަން އިން ކައްޕި އޭދަފުށީ ޝަބްނަމްގޭ މުހައްމަދު މުސްތަފާ އަށް ވެސް ވަރަށް ބޮޑަށް އަނިޔާވެ އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލުގެ ތިރި ކަށިތަކެއް ބިންދައިގެން ގޮސް ލޯ ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.

އެކްސިޑެންޓުވި ލޯންޗު ދުއްވަން އިން މުސްތަފާ: އޭނާގެ ވާތު ލޮލުގެ ތިރީގެ ކަށިތައް ވަނީ ބިނދިފައި.

ލޯންޗު ކައްޕި މުސްތަފާ އަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، މިއަދު މެންދުރެއް ހާއިރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ. އަދި ޑޮކްޓަރުން ތައްޔާރު ވަނީ ލޮލުގެ ތިރިން ބިނދިފައިވާ ކަށިތަކުގެ އޮޕަރޭޝަނަކަށް ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެކްސިޑެންޓުވި އިރު، ޑިންގީގައި ދެން ތިބީ ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި މުހައްމަދު ނަޒީފެވެ. ނަޒީފަކީ ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ވެސް މެ އެވެ. އެ ދެ މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަހަމްވީ ނަޒީފަށެވެ. އޭނާގެ އަނގައިގެ މަތީ ދެ ދަތް ބިންދައިގެން ދިއުމުގެ އިތުރުން ތިރީ ތުންފަތް ވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ވެ އެވެ. އަދި ކަނާތު ފައި ވަރަށް ބޮޑަށް ޒަޚަމް ވެ، ކަނާތު ލޯ މަތިން ފުދޭވަރަކަށް ދުޅަވެފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުންޏެވެ.

ޑިންގީ ދުއްވަން އިން ސަމީއުގެ ކަނައަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދޭތެއިން ވަަރަށް ބޮޑަށް ކަފައިގެން ދިޔަ އެވެ.

"ޑިންގީގެ ދެ މީހުންނަށް ވެސް ދަރަވަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައި،" ދަރަވަންދޫ ކައުންސިލްގެ މެމްބަރަކު މިރޭ ވިދާޅުވި އެވެ.

އެކްސިޑެންޓު ހިނގި ގޮތާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުން އައި ނަމަވެސް ފުލުހުން އަދި މި މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ. އެހެންވެ، އެކްސިޑެންޓުގެ ސައްހަ މައުލޫމާތެއް އެނގޭ ވަރެއް ނުވެ އެވެ.

ލޯންޗުގެ ކައްޕި އަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ އަށް އަދި ރަނގަޅަށް ވާހަކަ ދެއްކެވޭ ވަރެއް ނުވެ އެވެ.

"މިހާރު"ގެ ނޫސްވެރިން އައިޖީއެމްއެޗަށް މިރޭ ގޮސް މުސްތަފާއާ ސުވާލު ކުރަން އުޅުނު ނަމަވެސް ވާހަކަ ދެއްކުން ޑޮކްޓަރުން މަނާ ކޮށްފައިވާތީ، އާއިލާގެ ފަރާތުން އެ ހުއްދައެއް ނުލިބުނެވެ.

"ވާހަކަ ދައްކަން އުޅުނީމާ ކަށިތަކަށް ވަރަށް ބޮޑަށް ތަދުވާތީ ވާހަކަ ދެއްކުން މަނާ ކޮށްފައި އޮތީ. މުސްތަފާ އަމިއްލަ އަށް ވެސް ވަރަށް ގިނަ ވާހަކަތައް ކިޔައިދޭން މަސައްކަތް ކުރޭ. އެކަމަކު، ވާހަކަ ދައްކަން ވެސް އުނދަގޫ ތަދުވާތީ،" އޭނާގެ އާއިލާގެ މީހަކު ބުންޏެވެ.

ޑިންގީން ވެއްޓުނު ނަސްރުﷲ ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރެ އިން ފެށިގެން އެމްއެންޑީއެފް ކޯސްޓް ގާޑާއި ފުލުހުން އަދި ބ. އަތޮޅުގެ ރިސޯޓުތަކުން ވެސް އަންނަނީ ކުރަމުންނެވެ. އެކަމަކު، ނަސްރުﷲ ވެސް އަދި އަޑިއަށް ދިޔަ ޑިންގީ ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.