ކައްޕި ގެއްލުނު ހާދިސާއާ މެދު ސުވާލު އުފެދިއްޖެ

މާލެ އަތޮޅު ކަގީ ފަރަށް އިއްޔެ އެރި މުދާ އުފުލާ ދޯނީގެ ކައްޕި، މުހައްމަދު ޔޫސުފް، 37، ގެއްލުނު ގޮތާ މެދު ގިނަ ސުވާލުތަކެއް އުފެދިއްޖެ އެވެ.


ދެ ބިދޭސީންނާ އެކު ހދ. ކުޅުދުއްފުށި، ހަވީރީނާޒް، މުހައްމަދު ދަތުރުކުރި ދޯނި ފަރަށް އެރީ އިއްޔެގެ ވަގުތެއްގައި ނަމަވެސް އޭނާ ގެއްލުނު ކަން އެ ދެ މީހުން ސިފައިންނަށް އެންގީ މިއަދެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މީޑިއާ އޮފިސަރު، މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ "ޓީޓީއެސް ފާން" ދޯނީގެ ކައްޕި ގެއްލުނު ކަން ފަޅުވެރިން ރިޕޯޓްކުރީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ. އެ މީހުން އެންގީ ހަމައެކަނި ކައްޕި ގެއްލުނު ކަން ކަމަށާއި ދޯނި ފަރަށް އެރުމާ ގުޅޭ އެއްވެސް ވާހަކައެއް ރިޕޯޓް ނުކުރާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކައްޕި ގެއްލުނު ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ މޫދަށް ވެއްޓުނީ ކަމެއް ނުވަތަ އަމިއްލަ އަށް މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނީ ކަމެއް ވެސް ސާފެއް ނުވެ އެވެ. ދޯނި ފަރަށް އެރި ވަގުތެއް ވެސް ނޭނގެ އެވެ. އެއްވެސް މުދަލެއް ފެންނަން ނެތް އެ ދޯނި މާލެއާ ދިމާލަށް މިސްރާބު ހުރީ ކޮން ދިމާލަކުން ފުރައިގެން ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

ދޯނި ފަރަށް އެރިކަން އެމްއެންޑީއެފަށް އެނގުނީ، އާޒިމް ވިދާޅުވި ގޮތުގައި، ކައްޕި ހޯދަން ކޯސްޓުގާޑުން އެ ސަރަހައްދަށް ދިއުމުންނެވެ. އެ ދޯނި އުރިފައި އޮތީ ކަގި ކައިރިން މާލެ އަތޮޅަށް ވަންނަ އުޅަނދުތަކުގެ ސަލާމަތަށް ޖަހާފައި ހުންނަ ބައްތިތައް ކައިރި އަށެވެ. ރޭގަނޑު ވެސް ރީއްޗަށް ފެންނަ އެ ސަރަހައްދަށް ދޯނި އުރިފައި އޮތުމަކީ ވެސް ސުވާލު އުފައްދާ ކަމެކެވެ.

މި ހާދިސާއާ ގުޅިގެން "މިހާރު" އިން ވާހަކަ ދެއްކި ބައެއް ކައްޕިން ބުނިގޮތުގައި، އެ ސަރަހައްދަށް ދޯނި އުރުމަކީ ވަރަށް ނުވާނެ ކަމެކެވެ. އާއްމުކޮށް ދަތުރުކުރާ ކައްޕިއެއް ނަމަ ފަރިތަކަމާ އެކު މާލެ އަތޮޅަށް ވަންނާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އެހެންކަމުން ދެ ފަޅުވެރިން މައުލޫމާތު ދޭ ގޮތަށް ދޯނި ދުއްވަން އިނީ ކައްޕިތޯ ވެސް އެ މީހުން ސުވާލު އުފައްދަ އެވެ.

މުހައްމަދު ހޯދަން ކޯސްޓުގާޑުގެ ޑައިވަރުން އަންނަނީ އެ ސަރަހައްދުގައި ފީނަމުންނެވެ. އެ ތަނުން މިހާތަނަށް ފެނުނީ ބޮކްސާ ވައްތަރުގެ ސޯޓަކާއި މާސްކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ ކައްޕިގެ އެއްޗެހި ކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ.

ދޯނި ފަރަށް އެރުމާ އެކު އެކަން ސިފައިންނަށް ރިޕޯޓް ނުކުރި ސަބަބާ މެދު ބައެއް ފަޅުވެރިން ކަންބޮޑުވުންފާޅުކުރި އެވެ. ފަރަށް އެރި އެ ދޯނި އަމިއްލަ އަށް ފުންކުރަން ކައްޕި މަސައްކަތްކޮށްފާނެ ކަމަކަށް ވެސް ބައެއް ފަޅުވެރިން ގަބޫލެއް ނުކުރެ އެވެ.

އެމްއެންޑީއެފުން އާއްމުކޮށްފައިވާ ދޯނީގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދޯންޏަކީ ވީލްހައުސް ތެރޭގައި ހުރެގެން ނޫނީ ނުދުއްވޭ ގޮތަށް ހަދާފައިވާ ދޯންޏެކެވެ. އެހެންކަމުން އެތަނުގައި ހުއްޓައި އޭނާ މޫދަށް ވެއްޓުމަކީ ނުވާނެ ކަމެކެވެ.

މި ސުވާލުތައް ހުރި ނަމަވެސް ދެ ފަޅުވެރިން އަދި ހައްޔަރެއް ނުކުރެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ދެ ބިދޭސީން އަދިވެސް ތިބީ ދޯނީގަ އެވެ. މުހައްމަދު ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި، އޭނާގެ އެއްވެސް ހިލަމެއް ވޭތޯ ސިފައިން އަންނަނީ ފީނަމުންނެވެ.