ހުޅުމާލެ ފްލެޓުތައް މަރާމާތުކުރަން އިންސްޕެކްޝަން ފަށައިފި

ހުޅުމާލެ އިން އެންމެ ފަހުން ދޫކުރި ފްލެޓުތަކުގެ ތެރެއިން، މަރާމާތުކުރަން ބޭނުންވާ ފްލެޓުތަކުގެ އިންސްޕެކްޝަން އިއްޔެ ފަށައިފި އެވެ.


ހައުސިން މިނިސްޓްރީން ބުނީ 704 ފްލެޓުގެ ތެރެއިން މައްސަލަ ހުރި ކަމަށް ރިޕޯޓުކޮށްފައިވާ ފްލެޓުތަކަށް، މާދަމާއާ ހަމައަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި ޒިޔާރަތްކުރާނެ ކަމަށެވެ.

މި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ފްލެޓުތަކުން މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގަ އެވެ.

ހައުސިން މިނިސްޓްރީން، ހުޅުމާލެ ފްލެޓުތަކުގެ އިންސްޕެކްޝަން ކުރިއަށްގެންދަނީ.- ފޮޓޯ: ހައުސިން މިނިސްޓްރީ

އެ އިންސްޕެކްޝަންގައި އިސްކޮށް އުޅުއްވާ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ދާއޫދު އިބްރާހިމް ވިދާޅުވީ ފްލެޓުތަކުގެ މަރާމާތަށް ދާނެ ހަރަދު އެނގޭނީ ހުރިހާ ފްލެޓަކަށް ޒިޔާރަތްކުރެވުމުން ކަމަށެވެ.

"ހުރިހާ ފްލެޓްތަކެއްގެ އިންސްޕެކްޝަން ނިމުނީމަ އެނގޭނީ ހަރަދާއި މަސައްކަތް ކުރިއަށްގެންދާނެ ގޮތް އަދި މަސައްކަތް ފެށޭނެ ތާރީހެއް ވެސް. މީހުން ދިރިއުޅޭ ތަނެއްގައި ފެން ލީކުވުން ފަދަ މައްސަލަތައް ހައްލުކުރުމަކީ ދަތިތަކެއް ދިމާވާކަމެއް،" ދާއޫދު ވިދާޅުވި އެވެ.

މިނިސްޓްރީން މިހާރު ވަނީ ފްލެޓު މަރާމާތަށް އެދޭ ފޯމް ފުރިހަމަކޮށް މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އަންގައިފަ އެެވެ.

ހުޅުމާލެ ފްލެޓުތަކެއް.- ފޮޓޯ: ހައުސިން މިނިސްޓްރީ

އިންސްޕެކްޝަންގައި ކުރިއަށްގެންދަނީ އެންމެފަހުން ދޫކުރި ފްލެޓުތަކުގައި ފެންލީކުވުމުގެ މައްސަލަ އާއި އެނޫން ވެސް މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ އެކަންކަން ދެނެގަތުމުގެ މަސައްކަތްތަކެވެ. އެ މައްސަލަތައް ފާހަގަކުރެވިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ފްލެޓް މަރާމާތުގެ މަސައްކަތް ކުރިއަށްގެންދިޔަ އެވެ.

ފްލެޓުތައް މަރާމާތުކުރާނީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީ ގުޅިގެންނެވެ. އެޗްޑީސީން ވެސް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.