ތައުލީމާއި ކުޅިވަރު އެކުގައި ކުރިއަށް ގެންދަން ޖެހޭ: ނައިބު ރައީސް

ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި ތައުލީމާއި ކުޅިވަރު އެކުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.


މިދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން ބޭއްވި "ރަން އަހަރު" ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުޅަހެޔޮ ބަޔަކަށް ރައްޔިތުން ހެދުން ކަމަށާއި އެހެންކަމުން ސްކޫލުން ފެށިގެން އެފަދަ ކަންކަން ކުދިންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

"ތައުލީމާއި ކުޅިވަރާ ގުޅުވައިގެން ކުރިއަށް ގެންދަން ޖެހޭ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ޒުވާނުން ބައިވެރިވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ ޒުވާނުން ބާރުވެރި ކުރުން ކަމަށެވެ. އެގޮތުން ހަށިހެޔޮ، ދުޅަހެޔޮ ކެމްޕެއިނަކީ އެ މަސައްކަތުގެ ފެށުން ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ކުޅިވަރުގެ ދާއިރާ އިން މިދިޔަ އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ރަން އަކުރުން ފަވާލެވޭ ކަންތައްތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެއީ ވަރަށް ގިނަ ބައެއްގެ މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ. ނައިބު ރައީސް ވަނީ އެ ހުރިހާ ފަރާތްތަކަށް މަރުހަބާ އާއި ޝުކުރު އަދާ ކުރައްވައިފަ އެވެ.

"ގައުމަށް ރީތި ނަން ހޯދައި ދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށް ވާން އެބަޖެހޭ. ދިވެހި ރާއްޖެއަށް ރީތިނަން އެކި ދާއިރާތަކުން، އެކި ރޮނގުރޮނގުން ހޯދައިދީފައި އެބަވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ދަރިވަރުންނާއި ޒުވާނުން ރާއްޖެ އަށް ރީތިނަން ހޯދައި ދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބަދަހިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެ ވަނީ އެހެން ގައުމުތަކާ ގުޅުން ކުޑަ ގައުމެއްގެ ގޮތުގައި ކަމަށާއި މިހާރު އެ މަންޒަރު މުޅިން ބަދަލުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، 2023 ގައި ރާއްޖޭގައި ބާއްވަން ހަމަޖެހުމަކީ އެންމެން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި އެކަން ކާމިޔާބު ކުރެވުނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ކާމިޔާބީތައް ހޯދެނީ އެއް އަމާޒަކަށް މަސައްކަތް ކުރައްވާތީ ކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ ހުރިހާ ވަޒީރުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

އާދައިގެ މަތިން މިރޭގެ ޖަލްސާގައި ވެސް ނައިބު ރައީސް ވަނީ ޒުވާންނުން ކަންކަމާ ވިސްނައި ތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ޒުވާނުންނަށް ނައިބު ރައީސް ދެއްވި ނަސޭހަތްތައް:

• އެކަކު އަނެކަކަށް އޯގާތެރިވުން

• މުއާމަލާތް ކުރުމުގައި ރީތިގޮތްތައް ގެންގުޅުން

• އަނެކާގެ ހައްގު ދަނެ އަނެކާ އަށް އިސްކަން ދިނުން

• މަގުތައް ރައްކާތެރި ތަނަކަށް ހަދަން އެންމެން މަސައްކަތް ކުރުން

• ހަށިގަނޑަށް ގެއްލުން ލިބޭ ކަންތައްތަކާ ދުރަށް ދިއުން